Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

"ބަޅިނދު" ޑިސެމްބަރުގައި އަންނަނީ

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމު "ބަޅިނދު" މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯ އިން ބުނީ އެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 4 ގައި ކަމަށެވެ. ޑާކް ރެއިނަކީ ތިން އަހަރެއްހާ ދުވަސް ފަހުން މި އަހަރު އޮލިމްޕަސް ހުޅުވި އިރު، އެ ސިނަމާ އަށް މި އަހަރު ފުރަތަމަ ފިލްމު ގެނައި ސްޓޫޑިއޯ ވެސް މެ އެވެ. އެ ފިލްމަކީ ފެބްރުއަރީ 6 ގައި ޕްރީމިއާކުރި "ބީވީމާ" އެވެ. މި ފިލްމުގެ ފަހުން ޑާކް ރެއިންގެ "ހިނދުކޮޅެއް" މީޑިއާނެޓްގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި އެވެ.

"ބަޅިނދު" މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ނިންމި އިރު، މި ފިލްމަކީ 2019 ގެ ފަހުކޮޅު މަސައްކަތް ފެށި ފިލްމެކެވެ. އެކަމަކު ފަހުން އޭގެ މަސައްކަތްތަކަށް މެދުކެނޑުމެއް އައީ 2020 ގެ ކުރިމަތިލާން ޖެހުނު ކޮވިޑާ ހެދި އެވެ. "ބަޅިނދު" އަކީ ޒުވާން ސްކްރީން ރައިޓަރު ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް އަހުމަދު ޝިނާން ޑައިރެކްޓްކުރާ އެއްޗެކެވެ.

މީގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ)، ޝަރަފު އަބްދުﷲ، ނުޒުހަތު ޝުއައިބް (ނުޒޫ)، އަލީ އާޒިމް (ދޮންއައްޔަ)، މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއީލް ޖުމައިހް (ޖުމާ) އަދި މަރިޔަމް ޝަކީލާ ފަދަ ތަރިން ހިމެނެ އެވެ.

ޝިނާން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ގޮށްރާޅު" އެވެ. އޭނަ ޑައިރެކްޝަނަށް ނުކުތީ ފާތުމަތު ނަހުލާއާ ގުޅިގެން 2016 ގައި ރިލީޒްކުރި ބިރުވެރި ފިލްމު "4426" އިންނެވެ.