Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފައިސާ ހަމަނުޖެހޭތީ ޕޮލިސް ސްޓޭޝަން މަޝްރޫއު މަޑުޖެހިފައި

މިނިސްޓަރު އިމްރާން އަބްދުالله- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާނާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ގިނަ މެންބަރުން ވަނީ އެ ދާއިރާގެ ރަށްތަކުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޕޮލިސް ސްޓޭޝަންތައް ތަރައްގީ ކުރުން ލަސްވާތީ އެކަމުގައި ސުވާލު ކޮށްފައެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މަޝްރޫއު ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އަދި ފައިނޭންސް ހަމަޖެއްސުމުގެ ލިޔެކިޔުންތަކުގައި ސޮއިކުރުމާ ހަމައަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ފައިނޭންސްގެ ކަންކަން ހަމަޖެހުމާ އެކު މިއަހަރުގެ ތެރޭގައި ވެސް މި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އުއްމީދުކޮށްގެން ތިބެނީ މިއަހަރުގެ ތެރޭގައި ފައިނޭންސްގެ ކަންކަން ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިޖަވާބާ ގުޅިގެން މެންބަރު ރިޔާޒް ވަނީ މީގެކުރިން މި މަޝްރޫއާ ގުޅިގެން މިނިސްޓަރު އިމްރާން މަޖިލީހުގައި ޖަވާބު ދެއްވަމުން މިދިޔަ އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ފެށި، މިއަހަރުގެ ނިޔަލަށް 80 ޕަސަންޓުގެ މަސައްކަތް ނިންމާނެކަމަށް ވިދާޅުވިކަން ފާހަގަކުރައްވާފައެވެ. އަދި ފައިސާ ހަމަނުޖެހެނީސް މަސައްކަތް ހިނގާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް ދެކޭކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަން ދިފާއު ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކުން ފައިނޭންސް ކުރާ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން ފައިސާ ހަމަނުޖެހި އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެކަން މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.