ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވިއަން އިން ބުނީ މި މަހުގެ 30 އިން ފެށިގެން ކޮންމެ ރެޔަކު ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުތައް ކުރާނެ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރޭގަނޑު ދަތުރުތައް ފެށުމާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށެވެ. މިއީ ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީ ތިބި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.
ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ނައިޓްލޭންޑިންގް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި ނައިޓްލޭންޑިންގެ ޙިދުމަތް އެ ދެ އެއާޕޯޓުގައި ދެވެން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ކުޅުދުއްފުށި އެއާޕޯޓާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ އެއާޕޯޓު ތަކުގެ ތެރެއިން ރޭގަނޑު ހިދުމަތްދޭ އެއާޕޯޓުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކުޅުދުއްފުށި އެއާޕޯޓާއި، ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ފުވައްމުލަށް އެއާޕޯޓެވެ.