ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. މިލަދު އާއި މާފަރުގައި މިއަދު ސެލްފްސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މާފަރު އަދި މިލަދޫގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މިއަދު ފެށިގެންދިޔަ މި ހިދުމަތާއެކު މިވަގުތު ނ. އަތޮޅު ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދެމުންދާއިރު މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ދަނީ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށް ދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓަމަންޓް މެދުކެނޑުމެއްނެތި ކުރިޔަށްގެންދިޔުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިޞާދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ސީއީއޯ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެ އެވެ.