Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދިވެއްސެއްގެ ނަންމަތީ ބިދޭސީން ކުރާ ވިޔަފާރި ހުއްޓުވަން ޤަވާއިދެއް

އަތޮޅު ފިހާރަތައް ހުންނަ ސަރަހައްދަު -- ފޮޓޯ / ވީނިއުސް

ބިދޭސީއަކަށް މަންފާ ލިބޭގޮތަށް ދިވެއްސެއްގެ ނަންމަތީ ކުރާ ވިޔަފާރި ހުއްޓުވުމަށް އާންމު ފަރުދުންގެ ވިޔަފާރީގެ ޤަވާއިދުގައި އަދަބުތަކެއް ހިމަނައި ޤަވާއިދު އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

މި ޤަވާއިދުގެ ދަށުން ސީދާ ގޮތުން އަދި ނުސީދާގޮތުންވެސް ބިދޭސީއަކަށް މަންފާ ލިބޭގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުމަކީ މަނާ ކަމެކެވެ. މިގޮތުން ބިދޭސީއަކަށް ވިޔަފާރީގެ މަންފާކުރާކަން ކަނޑައެޅުމުގެ ބާރު ސީދާ ރެޖިސްޓްރާއަށް ދިނުމަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން އަމިއްލަ ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ޓަކައި ހިންގާ ވިޔަފާރިއެއްކަމަށް ކަނޑައަޅައ،ި ފިޔަވަޅު އެޅުމަށް ރެޖިސްޓްރާއަށް ބާރު ދީފައިވެއެވެ.

މިފަދަ ހާލަތެއްގައި އަޅާނެ ހަތަރު ފިޔަވަޅެއް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ބިދޭސީ މިހާއި ގުޅޭގޮތުން ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓްކޮށް، ވިޔަފާރީގައި މަސްއޫލުވެރިވާ ފަރާތް 100،000ރ. އިން ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި އެފަރާތަށް 5 އަހަރު ދުވަސް ވަންދެން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރެޖިސްޓަރ ނުކުރެވޭނެއެވެ. މީގެ އިތުރުން އެ ވިޔަފާރީގެ ރެޖިސްޓްރީ ވަގުތުން ބާތިލް ކުރެވޭނެ ކަމަށް ޤާވާއިދުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ބިދޭސީން ބޭރަށް ފޮނުވާ ފައިސާއަކީ ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ އަދަދާއި ނުބައްދަލު އަދަދެއް ނަމަ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެކަން އެނގުމަކީ މަނީ ލޯނޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޤާނޫނުގެ ދަށުން ބޭންކުތަކުގެ ޒިންމާއެއް ކަމުގައި މި ޤަވާއިދުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުންވެސް އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓަރ ކުރުމާއި، ވިޔަފާރި ރެޖިސްޓްރީ ބާތިލްވާނެ ހާލަތްތަކާއި، އަދި ވިޔަފާރީގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ ގިނަ ކަންކަން ވަނީ މި ޤަވާއިދުގެ ތެރޭގައި ހިމަނާފައެވެ.

ރާއްޖޭގެ ވިޔަފާރި ކުރަމުން އަންނަ ބައެއް ވިޔަފާރިތަކަކީ ބިދޭސީން އިންވެސްޓުކޮށްގެން ބިދޭސީން ދިވެހިންގެ ނަންމަތީގައި ހިންގާ ވިޔަފާރިތައް ކަމަށް މީގެ ކުރީންވެސް ކަމާއި ބެހޭ އިދާރާތަކުން ފާހަގަކޮށްފައެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވިފައި ނުވާއިރު، މި ޤަވާއިދުގެ ދަށުން ވިޔަފާރި އަކީ ބިދޭސީއަކަށް މަންފާ ހޯދަން ކުރާ ވިޔަފާރިއެއްކަން ސާބިތު ކުރުމަށް އެކަށީގެންވާ ހެއްކާއި އެކު ރެޖިސްޓްރާއަށް ހުށަހެޅައިގެން ކުރިއަށް ގެންދޭވޭ ގޮތް މިވަނީ ހަދާފައެވެ.