Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

ކަރަންގެ ފިލްމުގެ ޕޯސްޓަރު ބުރާސްފަތީގައި

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ފުރަތަމަ ޕޯސްޓަރު އޭނަގެ އުފަން ދުވަހާ ދިމާކޮށް އަންނަ ބުރާސްފަތީގައި ދައްކައިލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި މަހުގެ 25 ގައި ކާމިޔާބު ޑައިރެކްޓަރަށް 51 އަހަރު ފުރޭ އިރު، ޖުލައި 28 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ އަކީ ކަރަން ޑައިރެކްޓްކުރި ހަތް ވަނަ ފިލްމެވެ. "ކުޗް ކުޗް ހޯތާ ހޭ" އިން 1998 ގައި ބެލުންތެރިންގެ ލޯބި ހޯދި ޑައިރެކްޓަރުގެ އެންނެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ "ކުޗް ކުޗް ހޯތާ ހޭ" ސްޓައިލްގެ ފިލްމެކެވެ. އަދި އެ ފިލްމުން ބެލުންތެރިންނަށް ގެނެސްދިން އުފާވެރިކަމާއި ހަނދާންތައް އާ ފިލްމުން ގެނުވައި ދޭނެ އެވެ.

މި ފިލްމަށް އޭނަ އޮތީ ފުރަތަމަ ފަހަރަށް އެކްޝަން ފިލްމެއް ވެސް ހަދަން އިއުލާންކޮށްފަ އެވެ. އެކަމަކު އެއާ އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

މި ވަގުތު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ، ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާ، ކަރަން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް"، 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ"، 2010 ގެ "މައި ނޭމް އިޒް ޚާން" އަދި 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" ހިމެނެ އެވެ.