ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދީ އޭނަ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ އިބްރާހީމް އަބްދުﷲ (ގައްބަރޭ) އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފި އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކޮށް އެކަމުފައި އާންމުންގެ އެހީ އަށް ވެސް އެދިފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި ގައްބަރޭ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
ޒަރީޒަރަށް ހަމަލާދިން މައްސަލާގައި އޭނަ ހޯދަން ފުލުހުން އިއުލާންކުރީ މި މަހުގެ 15 ގަ އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ޒަރީރަށް ގައްބަރޭ ހިމެނޭ ގޮތަށް ހަމަލާ ދިނީ މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދި އެވެ.

އެ މައްސަލާގައި ފުލުހުން ގައްބަރޭ ހޯދަން އިއުލާންކުރީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
ޒަރީރަށް ހަމަލާދިން މައްސަލައިގައި ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.