ކުރިން އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކުރި ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވެޒްނެގާ ނެޓްފްލިކްސްގެ ބޮޑު މަގާމަކާ ހަވާލުވެއްޖެ ކަމަށް ބުނެފި ނަމަ ގަބޫލުކުރެވޭނެ ހެއްޔެވެ؟ ފަހަރުގައި ހަމަ ދަތިވެދާނެ އެވެ.
އެކަމަކު 75 އަހަރުގެ އެކްޓަރަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމްގެ ޗީފް އެކްޝަން އޮފިސަރު (ސީއޭއޯ) އެވެ. މި "މަގާމާ" އާނޯލްޑް ހަވާލުވިކަން އިއުލާންކޮށް ނެޓްފްލިކްސް އިން ވަނީ އެކަމާ ގުޅޭ ވަރުގަދަ ޕްރޮމޯއެއް ވެސް ދައްކާލައިފަ އެވެ.
ސުވާލަކީ ހަގީގަތުގައި މިވީ ކިހިނެއް ހެއްޔޭ އެވެ؟ އަސްލުވީ ގޮތަކީ ނެޓްފްލިކްސް އަށް ކުރިއަށް އޮތް ތިން މަހު އަންނަން ހުރި އެކްޝަން ފިލްމުތަކާއި ސީރީޒްތައް ޕްރޮމޯޓްކުރަން އާނޯލްޑާ ހަވާލުކުރީ އެވެ. އޭނަ ފެންނަ ޕްރޮމޯ އިން ވެސް އެފަދަ ބައެއް އުފެއްދުންތަކުގެ މަންޒަރުތަކެއް ދައްކާލާފައިވެ އެވެ.
މި ޕްރޮމޯ ފެށޭ އިރު ފެންނަނީ ބާރު ސްޕީޑްގައި ޓޭންކަރެއްގައި އާނޯލްޑް ގޮސް ނެޓްފްލިކްސް އޮފީސް ކުރިމަތީގައި އޮންނަ ކާރެއް ފުނޑައިލާ ތަނެވެ. ދެން އާނޯލްޑް ބުނަނީ އޭނަހާ މޮޅަށް އެހެން އެއްވެސް މީހަކަށް އެފަދަ ކަންކަން ނުނުކުރެވޭނެ ކަމަށެވެ. އަދި ސީއޭއޯގެ މަގާމު ގަބޫލުކުރީ ވެސް އެހެންވެ ކަމަށް ބުނެ އެވެ.
ޖޫން އާއި އޮގަސްޓް މަހާ ދޭތެރޭ ނެޓްފްލިކްސް އަށް އަންނަން ހުރި ވަރުގަދަ ޕްރޮޖެކްޓްތަކުގެ ތެރޭގައި އާނޯލްޑްގެ ޑޮކިއުމަންޓްރީ ސީރީޒް "އާނޯލްޑް" އާއި އޭނަގެ ފިލްމު ސީރީޒް "ފިއުބާ" އާއި "ހޫ އިޒް އެރިން ކާޓާ؟" އާއި "އެކްސްޓްރެކްޝަން 2" އާއި "ބްލަޑްހައުންޑްސް" އާއި "ދަ ވިޗާ ސީޒަން 3" އާއި "ލުޕިން ޕާޓް 3" އާއި "ބްލަޑް އެންޑް ގޯލްޑް" އާއި "އައިނަމްބާ" އާއި "ދި އައުޓް-ލޯސް" އާއި "ބާޑް ބޮކްސް ބާސެލޯނާ" އާއި "ދޭ ކްލޯންޑް ޓައިރޯން" ގެ އިތުރުން "ހާޓް އޮފް ސްޓޯން" ހިމެނެ އެވެ.