މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދެ މީހަކު ސައިކަލެއްގައި ފިލަން ދުއްވަނިކޮށް ސައިކަލުން ޖެހި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް، 43، މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 17، 2012 ވަނަ ދުވަހު މެންދުރު ޖަސްޓިސް ބިލްޑިން ކައިރީގައި އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް ލީކްވެ، އެ އެކްސިޑެންޓް ހިނގީ ސައިކަލުގައި ތިބި މީހުންގެ ގައިގައި ފުލުހަކު މުގުރުބުރިން ޖެހުމުން ކަމަށް ބެލެވޭތީ ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ހާދިސާ ހިނގުމުގެ ސިކުންތުކޮޅެއް ކުރިން 10 ވަރަކަށް ފޫޓު ދުރުގައި ޕޭވްމެންޓް ކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން ގާސިމް އިބްރާހިމް ގައިގައި އެ ސައިކަލު ޖެހުމާ އެކު ތިން މީހުން ވިއްސައިގެންދާ މަންޒަރު ވީޑިއޯ އިން ފެންނަ އިރު، ލިބުނު ޒަޚަމްތަކުގައި ގާސިމް ނިޔާވީ ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމުން ޕޮލިސް ސީޕީ ވިދާޅުވީ ފުލުސް މީހާ މުގުރުބުރި ބޭނުންކޮށްފައި ވަނީ ފުލުހުން ހަތިޔާރު ބޭނުން ކުރުމުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ފުލުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ތަހުގީގުން އެކަން އެނގިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގެ ފޮރެންސިކް ތަހުލީލެއް ވެސް ފުލުހުން ކޮށްފައިވާ ކަމަށެވެ. އަދި ފިލަން ދުއްވި މީހުން ގައިގައި މުގުރުން ޖެހި ކަމަށް ވީޑިއޯ އިން "އެހާ ބޮޑަކަށް" ފާހަގަ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވީ އެ އެކްސިޑެންޓްގެ ވީޑިއޯ ލީކްވެފައި ވަނީ ފުލުހުންގެ ތެރެއިން ކަމަަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.