Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

"އާރްއާރްއާރް" ގެ ރޯލެއް ކުޅުނު އެކްޓަރަކު މަރުވެއްޖެ

މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމު "އާރްއާރްއާރް" ގެ ރޯލެއް ކުޅުނު އިނގިރޭސި އެކްޓަރު ރޭ ސްޓީވެންސަން މަރުވެއްޖެ އެވެ.

މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 58 އަހަރުގެ އެކްޓަރު މަރުވީ އިޓަލީގައި ފިލްމެއްގައި އުޅެނިކޮށް، ކުއްލިއަކަށް ބަލިވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އާދީއްތަ ދުވަހު އެވެ. ރޭގެ މަރާ ގުޅިގެން އޭނަގެ ތަރުޖަމާނު މީޑިއާތަކަށް އެކަން ކަށަވަރުކޮށް ދިނުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ރޭގެ ކުއްލި ވަކިވުމާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ހިތާމަފާޅުކޮށް އޭނަގެ ހަނދާންތަައް ވެސް އާކުރަމުން އަންނަ އިރު، "އާރްއާރްއާރް" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވެސް ބުނީ ރޭގެ މަރުގެ ޚަބަރުވީ ވަރަށް ބޮޑު ޝޮކަކަށް ކަމަށެވެ.

އުތުރު އަޔަލޭންޑަށް އުފަން ރޭ އަކީ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. ކައިވެނި ރޫޅިފައިވާ ތިން ކުދިންގެ ބައްޕަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ތޯ" އާއި "ކިލް ދި އައިރިޝްމޭން" އާއި "ޖީ އައި ޖޯ: ރީޓަލިއޭޝަން" އަދި "ތޯ: ރެގްނަރޮކް" ހިމެނެ އެވެ.

ރޭ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "އެކްސިޑެންޓް މޭން: ހިޓްމޭންސް ހޮލިޑޭ" އިންނެވެ.