އައްބާސް އާދިލް ރިޒާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
އޭނަ ހޯދަން އިއުލާންކޮށްފައި މި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުން ޖަހަން ގޮވާލި މައްސަލައާ ގުޅިގެން ބާއްވާ ޝަރީއަތަށް، ހާޒިރުނުވެ، ޝަރީއަތްތައް ކުރިއަށް ނުގެންދެވުމާ ގުޅިގެންނެވެ. އެގޮތުން މީގެ ހަފުތާއެއް ކުރިން ކްރިމިނަލް ކޯޓްގައި ތާވަލުކުރި ޝަރީއަތް ވެސް އޭނަ ހާޒިރު ނުވުމުން ބޭއްވިފައެއް ނުވެ އެވެ
އައްބާސްގެ މައްޗަށް، ދައުލަތުން އުފުލާފައި ވަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ކުރި ޓްވީޓަކާއި ކްލަބް ހައުސްގައި ދެއްކެވި ވާހަކަތަކެއްގައި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގައި، ހުޅުޖަހަން ހިތްވަރު ދީފައިވާތީ އެވެ.
ކުރިން ކަސްޓަމްގެ ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމު ވެސް ފުރި އައްބާސް، 45، ހޯދަން އިއުލާންކޮށް ބުނީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.
އޭނަ ހޯދަން ފުލުހުން އިއުލާންކުރި އިރު ބަންދުގައި ބަހައްޓައިގެން މިއަދު މެންދުރު ފަހު 2:30 އަށް ވެސް އައްބާސް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވެ އެވެ.