މަސް ދޯނި ފަހަރުގައި ސޯލާ އަދި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމް ކުރުމަށް ދެވަނަ ފިޔަވަހީގެ ދަށުން ފުރުސަތު ހުޅުވާލައިފިއެވެ.
މިނިޒާމު ޤާއިމް ކުރަނީ ސަރުކާރުގެ ނޫ އިޤްތިޞާދުގެ ސިޔާސަތުގެ ދަށުން، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ދެމެހެއްޓުމުގެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން މަސްވެރިކަން ރަނގަޅު ދުވަސްވަރު އައިސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަކީވެސް މި ޕްރޮގްރާމުގެ އެއް ބޭނުމެވެ. މި މަސައްކަތުގެ ދަށުން ދޯނިތަކުގައި އާރްއެސްޑަބްލިއު ނިޒާމު އަދި ސޯލާ ނިޒާމު ހަރުކުރުމަށް ލޯން އެހީ ލިބޭނެއެވެ.
ޕްރޮގްރާމުގެ ދެވަނަ ފިޔަވަށްސައް ފުރުސަތު ހުޅުވާލިއިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ދިން ފުރުސަތުގައި ލިބުނު އެޕްލިކޭޝަންތަކަށް އެވޯޑު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް، އައިއެސްޑީބީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ދޯނިތަކުގައި ނިޒާމު ޤާއިމް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެނީ، އެސްއެމްއީ ބޭންކް ނުވަތަ އެސްޑީއެފްސީ މެދުވެރިކޮށެވެ. މި ޕްރޮޖެކްޓުގައި ބައިވެރިވެ ލޯން އެހީ އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެޕްލައި ކުރެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ދޯނިތަކަކީ ދިވެހި ރާއްޖޭގައި މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށްވާން ޖެހެެއެވެ. މީގެ އިތުރުން، 50 ފޫޓު ދިގުމިނުގައި ހުރެ، 15 ޓަނުގެ މަސް ރައްކާކުރެވެން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ލޯން އެހީއަށް އެޕްލައި ކުރުމުގެ ސުން ގަޑިއަކީ މިއަހަރުގެ ނިޔަލަށެވެ. އަދި އެޕްލިކޭޝަން ލިބޭ މިންވަރަކުން އެޕްލިކޭޝަން ޕްރޮސެސް ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.