ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުން ވަރުގަދަ ކުރުމަށް އެހެން ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ޕީޕީއެމްއިން މަޖްލިސްގައި ތިއްބެވި އަމިއްލަ ކެންޑިޑޭޓުންނާއި ސަރުކާރާއި ދެކޮޅު ޕާޓީތަކަށް ދައުވަތު އަރުވައިފިއެވެ.
ޕީޕީއެމް އިން އެހެން ޕާޓީތަކާއި ގުޅިގެން ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރަށް ޕްރެޝަރ ކުރުމަށް ދައުވަތު ދީފައި ވަނީ އެމްޑީޕީގެ 12 މެމްބަރުން އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރަޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައި ވަނިކޮށެވެ.
ރައީސް ނަޝީދުގެ އަރިސް މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރަޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާއިރު ދާދި ފަހުން އެ މެމްބަރުންނާއި އެކު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން އެކުގައި ވަނީ ތަފާތު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އައްޑޫގެ ދެކުނުން ކަނޑުގެ ބައެއް މޮރިޝަސްއަށް ވިއްކާލި ކަމަށް ބުނެ ޕީޕީއެމް އާއި އެމްޑީޕީން ވަކިވި މެމްބަރުން އެކުގައިވަނީ ބައްދަލުވުން ބާއްވާފައެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވައި ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް މަޖްލިސްގެ ތެރެއިން ކުރަމުންދާ މަސައްކަތުގައި ޕީޕީއެމް އާއި އެކު ގާތުން މަސައްކަތް ކުރަމުން އަންނަނީ ނަޝީދު އަޑީގައި ހުރެ ހަދަން މަސައްކަތް ކުރަމުން އަންނަ 12 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ރިޔާސަތުގައި ހުންނަވައި މަޖްލިސްގެ ނައިބް ރައީސް އީވާ އަބްދުﷲ ފުރުސަތު ދެއްވަމުން ގެންދެވީ ޕީޕީއެމް/ ޕީއެންސީ މެމްބަރުންނާއި، އަދި ދާދި ފަހުން އެމްޑީޕީން ވަކިވެ " ދަ ޑިމޮކްރަޓްސް" ޕާޓީ އުފައްދަން މަސައްކަތް ކުރަމުންދާ މެމްބަރުންނަށެވެ.
މަޖްލިސްގެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީ މެމްބަރުންގެ އަޑު މިއަދުގެ މަޖްލިސް ޖަލްސާއިން ވަނީ ކަނޑުވާލާފައެވެ.