Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ވެށިފަހި ފްލެޓްތައް މަރާމާތުކޮށްފި

އަރބަންކޯ އޮފީސް ބޭރުން / ފޮޓޯ: އަރބަންކޯ

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ވެށިފަހި ފްލެޓްތަކުގެ މަރާމާތު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަން އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން މި ފްލެޓްތަކުގެ މަރާމާތު މަސައްކަތް ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން، އިމާރާތުގެ ބޭރު ފާރާއި ކޮމަން އޭރިއާގައި ކުލަލައި، ރެނދު ބެއްދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިމަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި 30 އިމާރާތެއްގައި ވަނީ މަސައްކަތް ނިންމާލާއެވެ. އެއީ ފްލެޓް 83 އިން 112 އަށް ހުރި 504 ޔުނިޓެވެ.

މިހާރު ބާކީ ހުރި 113 އިން 138 ވަނަ ފްލެޓުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށް އާބަންކޯއިން ބުނެއެވެ. ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދެވޭނެއެވެ. އަދި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ. އަދި އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގުއާއި ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، ޢިމާރާތުގެ ޢާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އަދި ހިފާގެންގުޅޭ ތަކެތި ނެގުމަކީ، ވެރިފަރާތުގެ ޒިންމާއެއް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ގިނަ ހައުސިންގ މަޝްރޫޢުތަކެއް ބަލަހައްޓާއި މަރާމާތުގެ މަސައްކަތް އާބަންކޯގެ ފަރާތުން ކުރެވެމުން ދާއިރު، މި މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ޤަވައިދުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ. އަދި މިގޮތަށް މި މަސައްކަތްތައް ކުރުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުން ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.