Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޑރ.ހުސައިން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާކަމުގެ ތުހުމަތު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ. ހުސައިން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ތިން ސުވާލުތަކަށް ދީފައިވާ ޖަވާބާއި ގުޅިގެންނެވެ.

މެންބަރު އިބްރާހިމް ރަޝީދު ސުވާލު ކުރައްވާފައިވަނީ މިފްކޮއިން ތައިލެންޑަށް އެކްސްޕޯޓްކުރާ މަހުގެ "ރިޖެކްޝަން ލެވެލް" އާ ގުޅޭގޮތުންނެވެ. އެގޮތުން މިފްކޮއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކަންނެލި މަހުގެ ރިޖެކްޝަން ލެވެލް ފާއިތުވި 3 އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުން ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްފައިވާނަމަ އެ ފައިސާގެ ޖުމުލަ އަދަދަކީ ކޮބައިތޯ އާއި، ފާއިތުވި 3 އަހަރު މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޝަން ލެވެލްއަކީ ނުވަތަ ޝިޕްމަންޓްތަކުގެ އިންސައްތައަކީ ކިހާވަރެއްތޯ ސުވާލު ކޮށްފައިވެއެވެ. މީގެއިތުރުން ތައިލެންޑް ބަނދަރާ ހިސާބުން ނުވަތަ ގަންނަފަރާތުގެ ކޯލްޑް ސްޓޯރޭޖާ ހިސާބުން ރިޖެކްތްވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހަށް ހަދަނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

މި ތިން ސުވާލަށްވެސް ވަކިވަކިން ޖަވާބު ފޮނުއްވާފައިވާއިރު އެ ތިން ސުވާލަށްވެސް މިނިސްޓަރު ހުސައިން ދެއްވާފައިވަނީ އެއް ޖަވާބެކެވެ. އެގޮތުން ޑރ. ހުސައިންގެ ޖަވާބުގައި ވިދާޅުވެފައިވަނީ މިފްކޯއިން ބޭރުކުރާ މަހުގެ ތެރެއިން ރިޖެކްޓް މަހުގެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތަކީ މިފްކޯގެ ފަރާތުން ބަލަހައްޓާނެ ކަމަށް ބެލެވޭ އެ ކުންފުނީގެ ވިޔަފާރިއާ ބެހޭ މައުލޫމާތެއް ކަމަށްވެސް ޖަވާބުގައި ބުނެފައިވެއެވެ. މީގެއިތުރުން ބުނެފައިވަނީ މިފްކޯއަކީ އެ މިނިސްޓްރީގެ ދަށުގައިވާ ކުންފުންޏެއް ނޫން ކަމަށެވެ.

މި ޖަވާބާއި ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފިޝަރީޒް މިނިސްޓަރުގެ މަސައްކަތުގެ ދާއިރާ މަޖިލީހުން ބައްލަވާނެ ކަމަށެވެ. ވަޒީރަކާ ބެހޭކަންކަމާއި ނުބެހޭ ކަންކަން ކަނޑައަޅަނީ އެ ވަޒީރަކު އަމިއްލަޔަށް ނޫންކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ވުޒާރާތަކުގެ މަސައްކަތް ފާސްކުރަނީ މަޖިލީހުން ކަމަށެވެ. އަދި ތަފާސްހިސާބު ބެލެހެއްޓުމަކީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރަންޖެހޭ ކަމަކަށް ވާނަމަ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިންއަށް ހުންނެވެނީ "ނުބައި މަގެއްގައި" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޖެކްޓް މަހުގެ ކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިިންގޭ ކަމެއްކަމަށް މީގެކުރިން ބެލެވިފައިވާ ކަމަށެވެ. މީގެކުރިން މަސް އެކްސްޕޯޓް ކުރުމުގައި ރިޖެކްޓްކުރީ ކަމަށްބުނެ، ނާޖައިޒު ފައިދާ ކޮރަޕްޝަންގެ އަމަލު ހިންގާފައި ވަރަށް ގިނައިން ހުންނަކަމަށާއި، ރިޖެކްޓްވާ މަހުގެ މައުލޫމާތަކީ ކޮންމެހެންވެސް ފިޝަރީޒް މިނިސްޓްރީގައި ހުންނަންޖެހޭ މައުލޫމާތު ކަމަށާއި އެއީ ހަމައެކަނި ވިޔަފާރި މައުލޫމާތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރައްޔިތުންގެ މަސައްކަތަށް ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވިއިރު، އެކަމުގައި ދެން އަމަލުކުރައްވާނެ ގޮތެއް ރައިސް ނަޝީދު ވިދާޅެއް ނުވެއެވެ.