Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ގެއަކަށްވަދެ މާރާމާރި ހިންގި މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ބިރުދައްކައި މާރާމާރި ހިންގި މައްސަލައެއްގައި ހޯދަމުން ދިޔަ މީހަކު އަމިއްލައަށް ފުލުހުންނާ ހަވާލު ވެއްޖެއެވެ.

މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާނު ކުރީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން އެވެ. އިބްރާހިމް ސަމީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ހޯދުމަށް އިއުލާނު ކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މިއަދު ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި އިބްރާހިމް ސަމީން އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވެފައިވާ ކަމަށާއި، އޭނާ އަމިއްލައަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މެއި 2 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި މާރާމާރިގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.