އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ކުރިން ލިބުނުކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދަނޑުވެރިންގެ ސަބްސިޑީ އަލުން އިޔާދަކުރުމަށް ގޮވާލާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ހަސަން ލަތީފް ވަނީ ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް ލިބުނު ކަމަށާއި އެހެންނަމަވެސް އެކަމުގައި އަޅާނުލުމުގެ ނަތީޖާއަކަށްވީ ބޮމެއް ގޮއްވާލުން ކަމަށެވެ.
ހަސަންގެ ވާހަކައަށްފަހު މެންބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަން ފައްޓަވާ ވިދާޅުވި ހަސަން ހިއްސާކުރެއްވި މައުލޫމާތަކީ ކުރިން އެނގޭ ވާހަކަތަކެއް ނޫންކަމަށާއި އެވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށެވެ.
މެންބަރު އިބްރާހިމް ރަޝީދު އެފަދައިން ވިދާޅުވުމުން ރިޔާސަތުގައި އިންނަވާ ރައިސް ނަޝީދު ވިދާޅުވީ، މެރީބްރައުން ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަމާއި، ޔާގޫތްގޭ ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން އަވަހާރަކޮށްލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން މަރާލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ.
އެގޮތުން އެ މައުލޫމާތު މަޖިލީހުން ކުރި ތަހުގީގުތަކުންނާއި އެހެން ތަހުގީގުތަކުންވެސް ވަރަށް ސާފުކޮށް އެނގެން އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މޭ 6 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރިއަށްފަހު އެކުލަވާލި ރިޕޯޓްގައިވެސް ބުނެފައިވަނީ ރާއްޖޭގެ ހަރުކަށި ފިކުރަށް ނިސްބަތްވާ އެކި މީސްމީހުން އެކި ފަހަރު މަތިން ރައިސް ނަޝީދަށް ފާރަލާ ހަދާފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ހުންނަގޮތް އެމީހުން އެކިފަހަރުމަތިން ބަލާފައިވާ ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް އެސެސްމަންޓް ރިޕޯޓު ގައި، ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއްދީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ 'އިންޓެންޝަން' ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފަރާތްތައް ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށްވެސް އިންކުއަރީ ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެއިތުރުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް މީހަކަށް 5 މިލިއަން ރުފިޔާ ދީފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާ ކަމަށްވެސް މަޖިލީހުގެ އިންކުއަރީގައި ފާހަގަކޮށްފައިވެއެވެ.