Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

"ސިމްޕަތީ ކާޑް" އަކީ ފެއިލްވެފައިވާ އުކުޅެއް

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު - ފޮޓޯ: ރައީސް އޮފީސް

"ސިމްޕަތީ ކާޑް"އަކީ ފެއިލް ވެފައިވާ އުކުޅެއް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ނުސީދާ ފާޑުކިޔުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފަރާތްތަކަށް އަމާޒުކުރައްވައިފިއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން ބަލިވެ ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން "ސިމްޕަތީ ކާޑު" ކުޅެ ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެއްޖެ ކަމަށެވެ.

"އެހެންކަމުން އެކަމަކީ ރައްޔިތުންނަށް ފަރިތަ ފެއިލް ވެފައިވާ އުކުޅަކަށް ނޫނީ ދެން ނުވާނެ." އަލީ ޒާހިރު ވިދާޅުވިއެވެ.

ބޮޑަށް ބެލެވޭ ގޮތުގައި އަލީ ޒާހިރު "ސިމްޕަތީ ކާޑު" ކުޅެނީކަމަށް ބުނެފައިއެވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު އަވަހާރަ ކޮށްލަން ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ކުރިން ލިބުނުކަމަށް އެމަނިކުފާނު މިއަދު ވިދާޅުވުމާ ގުޅިގެން އެކަމުގެ ރައްދެއްގެ ގޮތުގައެވެ.

މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް ލިބުނު ކަމަށާއި އެހެންނަމަވެސް އެކަމުގައި އަޅާނުލުމުގެ ނަތީޖާއަކަށްވީ ބޮމެއް ގޮއްވާލުންކަމަށެވެ. އަދި އެ ވާހަކައަށް ބާރު ދެއްވާ ރައިސް ނަޝީދު ވިދާޅުވީ މެރީބްރައުން ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަމާއި، ޔާގޫތްގޭ ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން އަވަހާރަކޮށްލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން މަރާލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ.