ސިޔާސީ ޕާޓީއެއްގައި ހަމަވާންޖެހޭ އަދަދަށް މެންބަރުން ހަމަނުވުމުން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމް އުވާލަން ނިންމައިފިއެވެ.
އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދެވަނަ ނޯޓިސް ދިނުމަށްފަހުވެސް 3000 މެންބަރުން ހަމަނުކުރެވުމުންނެވެ.
މީގެކުރިންވެސް 3000 މެންބަރުން ހަމަނުކުރެވުމުން އެމްއާރްއެމްއަށް އޮތީ ނޯޓިސް ދީފައެވެ. އެފަހަރު މެންބަރުން ހަމަކުރުމަށްފަހު ފޯމު ހުށަހެޅިނަމަވެސް އެންމެފަހުން އީސީން ހާމަކުރި ތަފާސްހިސާބުން ދައްކާގޮތުން އެމްއާރްއެމްގެ މެންބަރުންގެ އަދަދު ހަމައެއް ނުވެއެވެ.
މެންބަރުން ހަމަކުރުމަށް އެމްއާރްއެމްއަށް 2 ވަނަ ނޯޓިސް ފެބުރުއަރީ 22 ގައި ފޮނުވިއިރު އެ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މޭ 22 ވަނަ ދުވަހަށެވެ.
ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފައްދަވާފައިވާ އެމްއާރްއެމްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ދަރިކަލުން ފާރިސް މައުމޫނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ސްލޮޓްތަކުގައިވެސް ސަރުކާރުގެ މަގާމުތަކުގައި އެކި ފަރާތްތައް އެބަ ތިއްބެވިއެވެ.
ސެޕްޓެމަބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ސަރުކާރާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރްއެމްއަށް ދީފައިވާއިރު، އެ ޕާޓީން އެކަމާމެދު އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އޭރު އެޕާޓިން ބުނެފައިވަނީ އިންތިހާބުގައި އެޕާޓީގެ ކެނޑިޑޭޓެއް ފެނުމުގެ ފުރުސަތު އޮތްކަމަށެވެ.