Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އެމްއާރްއެމް އުވާލަން ނިންމީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒުން

ފާރިސް މައުމޫން- ފޮޓޯ: މިހާރު / ނިޝާން އަލީ

މެންބަރުން ހަމަނުވާކަމަށް ބުނެ މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމް އުވާލުމަށް ނިންމީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒުން ކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށާއި މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އެންގުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފާރިސް ވިދާޅުވީ އެމްއާރްއެމްގައި ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާކަމަށް ދެކެވަޑައިގަންނަވާތީ، އެމްއާރްއެމް އުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ ކަމަށް މިއަދު އެ ކޮމިޝަނުން އަންގަވާފައިވާ ކަމަށެވެ.

"އެހެންކަމުން، މި ދަނޑިވަޅުގައި އެމް.އާރް.އެމްގެ ލޮބުވެތި މެންބަރުން ކެތްތެރިކަމާއެކު މި ޕާޓީއާއެކު ދެމިތިއްބެވުމަށް އިލްތިމާސްކުރަމެވެ." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމަށެވެ. މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރުކަމަށާއި ހަމައެހެންމެ، ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށް ފާރިސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ޙައްޤުގެ މަގުގައި އަޅުގަނޑުމެން ސާބިވެ ތިބެ، ޤާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަމެވެ. ފަސާދައާއި، ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު ޢަމަލުތަކުން ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބަވައި، މި މުހިއްމު މަސައްކަތުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ." ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް މިކަމާ ގުޅިގެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ޤާނޫނާ ހިލާފު އަދި ކޮރަޕްޓް ނިންމުމެއް ކަމަށެވެ.