މިމަހުގެ 18 ވަނަ ދުވަހު ފ. ފިލިތެޔޮ ކައިރީ ކަނޑުން ނަގާފައިވަނީ 45 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނޮވި މެސެޖުގައި ބުނެފައިވަނީ ފުލުހުން ފިލިތެޔޮ ކައިރިން މަސްތުވާތެކި ފެނުމާއި ގުޅިގެން ހިންގި އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ބެލެވޭ 45 ކިލޯގެ ތަކެތި ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި މިހާތަނަށް މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ކަނޑު ފައްތާފައި ހުއްޓާ މި މަސްތުވާތަކެތި ފެނިފައިވާއިރު މިއީ ކިހިނެތް ގެނެސް ކިތައް ދުވަސްވެފައިވާ މަސްތުވާތަކެތިތޯ ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މީގެ ކުރީން ކަނޑު އަޑިން ފެނުނު މި މަސްތުވާތަކެތީގެ ބަރުދަނަކީ 80 ކިލޯ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ މިތަކެތީގެ އަސްލު ބަރުދަން ވަނީ ހާމަކޮށްފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.