Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ސައުދީން ރާއްޖެ އަށް 350 ސްކޮލަޝިޕް

މަތީ ތައުލީމު ހާސިލުކުރަން ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 350 އަށް ވުރެ ގިނަ ސްކޮލަޝިޕް ދީ އެކަމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީގެ ބުނީ، އެކި ދާއިރާތަކުން އެ ގައުމުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހިންނަށް ސައުދީ ސަރުކާރުން އެއްކޮށް ހަރަދުކުރާ ގޮތަށް 350 އަށް ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބެޗެލާސް ޑިގްރީ އާއި ޕޯސްޓްގުރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރުގެ ސްކޮލަޝިޕްތައް ހިމެނެ އެވެ.

ސްކޮލަޝިޕް ލިބޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ބިޒްނަސް މެނޭޖުމަންޓް، މީޑިއާ، ކޮމްޕިއުޓާ ސައިންސް، ލޯ ސައިންސް، އެޑިއުކޭޝަނަލް ސްޕެޝަލިޓީސް، ސޯޝަލް ސައިންސް، ދަނޑުވެރިކަން، އިގުތިސާދާއި ސިޔާސީ ދާއިރާ، އިންޖީނިއަރިން، އިސްލާމީ ތައުލީމު އަދި އަރަބި އާއި އެހެން ބަސްބަހުގެ ކޯސްތަކެވެ.

މި ސްކޮލަޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭ ޔުނިވަސިޓީތަކުގެ ތެރޭގައި ކިންގް އަބްދުލް އަޒީޒު ޔުނިވަސިޓީ، ކިންގް ފަހުދު ޔުނިވަސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނެރެލްސް، ކިންގް އަބްދުﷲ ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، އިމާމު އަބްދުއްރަހްމާން ބިން ފައިސަލް ޔުނިވަސިޓީގެ އިތުރުން ކިންގް ސައުދު ޔުނިވަސިޓީ ހިމެނެ އެވެ.

ސައުދީން ރާއްޖެ އަށް ގިނަ އަދަދެއްގެ ސްކޮލަޝިޕް ދިން އިރު، އެ ގައުމުގެ އެކި ޔުނިވާސިޓީތަކުގައި މިހާރު ވެސް އެކި ގައުމުތަކުގެ 50،000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެ އެވެ.