Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

"ރޮކީ އޯރް ރާނީ" ގެ ޕޯސްޓަރުތަކެއް

މިއަދު ފާހަގަކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ 51 ވަނަ އުފަން ދުވަހާ ގުޅުވައިގެން އޭނަގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ޖުލައި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ޑައިރެކްޓްކުރި ފިލްމެއްގައި ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ މި ރޮމޭންޓިކް ކޮމެޑީގެ ބަތަލާ އަކީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާ ބަޓެވެ. މިހާރު ބޮލީވުޑްގައި އެންމެ ވިދާ އެއް ބަތަކާ ކަމަށްވާ އާލިއާ އަކީ ކަރަންގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރުނު ބަތަލާއެކެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރްމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާޒް އާޒްމީ ވެސް ހިމެނެ އެވެ. ބޮޑު ކާސްޓެއް ފެންނާނެ ފިލްމުގެ ހާއްސަ ފެނިލުންތަކުން އިންޑިއާގެ މަޝްހޫރު ޓީވީ ތަރިންތަކެއް ވެސް ފެންނާނެ އެވެ.

ކަރަން ބުނި ގޮތުގައި އޭނަގެ އާ ފިލްމަކީ އަލަތު ޑައިރެކްޝަން ކަމަށްވާ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިން ގެނެސްދިން އުފާވެރިކަމާއި ހަނދާންތައް އާކޮށްދޭނެ ވަރަށް ލޯބި ފިލްމަކަށް ވާނެ އެވެ. ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރާއި އާލިއާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ދެވަނަ ފިލްމެވެ. އެ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.