ޒުވާނުންގެ ގިނަ ހަރަކާތްތަކަކާއެކު "ފުރަވީރުން"ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޮޑު ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
"ފުރަވީރުން" ގެ ނަމުގައި ކުރިއަށްގެންދާ މިހާއްސަ ހަރަކާތަކީ ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ކަމެކެވެ.
ފާއިތުވި ހަފްތާތަކުގައި ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މި ހަރަކާތް ޕްރޮމޯޓް ކުރަމުން އަންނައިރު މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި 9:00 ގައެވެ.
ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި މި ހަރަކާތުން ފުރަތަމަ ދޫކޮށްލާފައިވަނީ 5000ރ ގެ އިނާމެއް ލިބޭ ޗެލެންޖެކެވެ. އެގޮތުން "ފުރަވީރުން"ގެ ލޯގޯއިން އަތަކީ ކާކުގެ އަތެއްކަން ދިމާކޮށްގެން އެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި ސުވާލުގެ ޖަވާބާއި، އިނާމު ލިބޭ ނަސީބުވެރިޔާ އިއުލާނުކުރާނީ މިރޭ ހުޅުމާލޭގައި ބާއްވާ އިވެންޓުގައި ކަމަށެވެ.
މި އިވެންޓްގެ ތެރެއިން ޒުވާނުންނާ ގުޅޭ، މުނިފޫހިފިލުވަނިވި ހަރަކާތްތަކެއް ފެންނާނެކަމަށް މައުލޫމާތުލިބެއެވެ. އެގޮތުން ހަވާ އެރުވުމުގެ ހަރަކާތަކާއި، ރާއްޖޭގެ ފުޓުބޯޅަ ފްރީސްޓައިލް ކިންގް، ސައިފް ޒާހިރު (ސުޕަމޭން) ގެ ފުޓުބޯޅައިގެ ޗަރުކޭސް ފެނިގެންދާނެކަން ހާމަކޮށްފައިވެއެވެ. އަދި ބޮޑުބެރާއި، ލައިވް މިއުޒިކާއި، އަލިފާނުގެ ހުނަރު ދައްކާލަދޭ "ފަޔަރ ޑާންސް" ހިމެނޭހެން ސްޓޭޖް ޝޯއެއް ފަދަ ހަރަކާތެއް އޮންނާނެކަން ހާމަކޮށްފައިވެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި ހަރަކާތް ފެއްޓުމަށް ހަމަޖެހިފައިވަނީ މާލެ އިންޑަސްޓްރިއަލް ޒޯނުންނެވެ. އެގޮތުން މާލެ އިންޑަސްޓްރިއަލް ޒޯނުން ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.
25 May ga onna furaveerun ge cycle burah #MavesDhaanan #Furaveerun pic.twitter.com/kBP6CcRyiz
— Furaveerun (@furaveerun) May 24, 2023
"ފުރަވީރުން" ބުނެފައިވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އިވެންޓުގެ ތެރޭގައި "ސަޕްރައިޒް" ތަކެއް ވެސް ފެންނާނެކަމަށެވެ.