މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޕީން ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓް ހަވާލުކުރުމާއި ކެންޕެއިން ލޯންޗުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ، ހުކުރު ދުވަހުގެރޭ 20:30 ގައި އާޓިފިޝަލްބީޗް ގައި އޮންނާނެ ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ނާޒިމް އެކަނި ކަމުން އޭނާ އަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.
އެންއެމްޕީން އަންނަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް ވާދަކުރައްވައެވެ. އަދި އިދިކޮޅު ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނޭ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ޖަލު ހުުކުމެއް އިއްވާފައި އޮތުމުން އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.