ހއ. ހޯރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށާއި، ތާރު އެޅުމުގެ މަސައްކަތް މިހާރު 95 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.