Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ގާޒީ ސަސްޕެންޑް

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލައަކާ ގުޅިގެން ގާޒީއަކު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މި މައްސަލައާ ގުޅިގެން ސަސްޕެންޑް ކުރީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކުރެވިފައިވާ ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަލީ އާދަމް ސަސްޕެންޑް ކުރީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށް ޖޭއެސްސީން ބުނެ އެވެ.

މެޖިސްޓްރޭޓް ސަސްޕެންޑްކުރި އިރު، އަންހެން މީހާ އަށް ގުޅި މައްސަލާގައި ބަޔަކު އޭނަ އަށް މިދިޔަ އަންގާރަ ދުވަހު މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ. އަދި އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.