މިދިޔަ ހަފުތާގައި ޝޫޓިން ނިންމާލި ފިލްމު "ޓައިގާ 3" އަކީ ފަސޭހައެއް ފިލްމެއް ނޫން ކަމަށާއި އެކަމަކު އެއަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.
މި އަހަރުގެ އައިފާ އެވޯޑްސް އަށް މި ވަގުތު ދުބާއީގައި ހުރި އެކްޓަރު މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ އެ ފިލްމުގެ ޝޫޓިން އަކީ ވަރަށް ބުރަކޮށް ދިޔަ މަސައްކަތެއް ކަމަށެވެ. "ޓައިގާ 3" ގެ ޝޫޓިންގެ ތެރެއިން ސަލްމާނަށް އެކި ފަހަރު މަތިން އަނިޔާވެ ފަރުވާ ވެސް ހޯދަން ޖެހުނެވެ. އަދި ފިލްމަކީ އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް މަންޒަރުތަކެއް ނެގި ފިލްމެކެވެ.
ދެހާސް އެކާވީހުގެ މެދު ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަންޒަރުތައް ނެގި ގައުމުތަކުގެ ތެރޭގައި ތުރުކީ، ޔޫއީއޭ، ރަޝިއާ އަދި އޮސްޓްރިއާ ހިމެނެ އެވެ.
މި އަހަރު ނޮވެމްބަރު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ޓައިގާ 3" ގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރާތު" އާއި "ފޭން" ފަދަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ. އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުގެ ކާސްޓްގައި ކެޓްރީނާ ކައިފާއި އިމްރާން ހާޝިމީ ވެސް ހިމެނެ އެވެ. އަދި "ޓައިގާ 3" ގެ ވަރަށް ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އެވެ.
ޓައިގާ ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ކަބީރް ޚާން ޑައިރެކްޓްކޮށް "އޭކް ތަ ޓައިގާ" ގެ ނަމުގައި ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާޒސް ޒަފަރު ޑައިރެކްޓްކޮށް "ޓައިގާ ޒިންހާ ދޭ" ގެނެސްދިނީ 2017 ގަ އެވެ. މި ދެ ފިލްމުގެ ވެސް ބަތަލާ އަކީ ކެޓްރީނާ އެވެ.