Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ނިލަންދޫ ފަޅު ހިއްކައިގެން ޓޫރިޒަމަށް ދެ ރަށް

ފ. ނިލަންދޫ ފަޅު ހިއްކައިގެން ޓޫރިޒަމަށް ހާއްސަކޮށްގެން ދެ ރަށް ތަރައްގީ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން ނިލަންދޫީ ރައްޔިތުންނާ އެކީ ބޭއްވި ބައްދަވުމެއްގައި ވިދާޅުވީ ރަށުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދިނުމަށްޓަކައި ނިލަންދޫގެ ފަޅުން ދެ ރަށް ހިއްކައި ޓޫރިޒަމަށް ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިރަށުގެ ފަޅުގައި ދެ ރަށް ހިއްކައި ޓޫރިޒަމް ފުޅާކުރާނަން. އޭރުން ޒުވާނުންނަށް އާއިލާތަކާ އެކީ ރަށުގައި އުޅުމުގެ ފުރުސަތު ފަހިވެގެން ދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިލަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ބަނދަރު ވެސް ހަދަން މިހާރު ކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއާ އެކީ ރަށްގިރުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށް ގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ނިލަންދޫގެ ފެނުގެ ނިޒާމާއި އަތޮޅު ހޮސްޕިޓަލް އިތުރަށް ތަރައްގީރުމާއި ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަނެއް ވެސް ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.