ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފިކުރަކަށްބަލައި ތަފާތު ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ފ. ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން އެއްވެސް ރަށެއްގެ މެދުގައި ތަފާތު ކުރުމެއްނެތި، ރަށްރަށަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދެމުން އަންނަ ކަމަށެވެ.
މީގެކުރިން ރަށްރަށް ތަރައްގީގެ މަޝްރޫއުތައް ދިނުމުގައި އެދާއިރާގެ ރައްޔިތުންގެ ސިޔާސީ ވިސްނުމަށްބަލާ ތަފާތު ކުރުން ގެންގުޅެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކޮށްފައިވާނީ ތަފާތު ކުރުމެއްނެތި ރަށްރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް ވިދާޅުވިއެވެ.
އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފިކުރުގެ ތަފާތުކަމަށް ނުބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ ދަރަނބޫދޫ ބަނދަރު މަސައްކަތްކުރިއަށްދިޔަ އިރު ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުމަށް އަދި ރައްޔިތުން ބޭނުންވި ގޮތަށް މަސައްކަތް ކުރުމުގައި ލިބުނު އެއްބާރުލުމަށް ހުރިހާ ފަރާތްތަކަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.
ތަފާތު ކުރުމެއްނެތި ވައުދުތައް ފުއްދުމުގައި ސަރުކާރުން މަސައްކަތްކޮށްފައިވާނީ އަމަން އަމާން ކަމާއި ސުލްހަ މަސައްލަސްކަމާއެކު މަސައްކަތް ކުރިއަށްގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެ މުހިންމު އަމާޒަކަށްވާނީ އަމަން އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމު ކުރުން ކަމަށް ވިދާޅުވިއެވެ.