Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރައީސް ދަރަނބޫދޫ ބަނދަރު ހުޅުވައި ދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފ. ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވައިފިއެވެ.

ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫއަށް ވަޑައިގެން ރައީސް ސޯލިހް ވަނީ ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވާފައެވެ. މިބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.

ބަނދަރު ހުޅުވައިދެއްވުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ރަސްމީކޮށް މި ބަނދަރު ދަރަނބޫދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ.

ބަނދަރު ހުޅުވައިދެއްވައި ރައީސް ސޯލިހް ވަނީ އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

މި ބަނދަރު މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، 2641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަގަކީ 40.4 މިލިއަން ރުފިޔާއެވެ.