އައްޑޫސިޓީ މަރަދޫގައި ޤާއިމް ކުރާ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ނިންމައި އެއްކޮށް އޮޕަރޭޝަނަށް ގެނެވޭނީ މިއަހަރު ފަހުކޮޅުގައި ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އިންޑިއާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރު ޖުލައި މަހުއެވެ. އަދި އޭރު ކަނޑައެޅީ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭ ނިންމާ އޮޕަރޭޝަނަށް ގެނައުމަށެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވާނީ 2021 ވަނަ އަހަރު އެޕްރީލް މަހުގެ ތެރޭގައެވެ.
މިމަސައްކަތް ނުނިމި ލަސްވެފައިވާއިރު މިމަސައްކަތާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، މަރަދޫ ޕްލާންޓަކީ ޕްރީފެބް މެޓީރިއަލް ބޭނުންކޮށްގެން އަޅަމުންދާ ޕްލާންޓެއް ކަމަށެވެ.
އެގޮތުން މިހާރު ޕްރީފެބް ކުރުމަށް ބޭނުންވާ ސާމާނު ގެނެސްފައިވާ ކަމަށާއި، ދެން އޮތީ މުޅިތަން އެއްކޮށް ރާވާ ނިންމާލުން ކަމަށް ކައުންސިލުން ބުނެއެވެ. އަދި މަސައްކަތް ނިމުމާއިއެކު މަރަދޫގެ ގޭދޮށު މަސް ޕްލާންޓަށް މަސް ގަންނަން ފަށާނެ ކަމަށާއި، ނަމަވެސް ވެލިއު އެޑްކޮށް ފުލް އޮޕަރޭޝަނަށް ގެނެވޭނީ މިއަހަރު ފަހުކޮޅުގައި ކަމަށް ކައުންސިލުން ބުނެއެވެ.
މަސްޕްލާންޓްތައް ހެދުމުން 400-800 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އިގްތިސާދީ ތަރައްގީ އަށް މަގުފަހިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މީގެ ތެރެއިން މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، ވެލިއު އެޑްކުރެވޭ ބާވަތްތައް އުފެއްދުން ހިމެނެ އެވެ. އެގޮތުން މަސްޕްލާންޓުތަކުން މަސްކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކްކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ އެވެ.
އައްޑޫސިޓީ މަރަދޫގެ އިތުރުން ހުޅުދޫގައިވެސް ގޭދޮށު މަސް ޕްލާންޓު ހަދަމުންދާއިރު ގިނަ ބައެއްގެ ކަނބޮޑުވުމަކީ މި ޕްލާންޓުތަކުގެ މަސައްކަތް ލަސްވުމެވެ. މިއީ ރާއްޖޭގެ މަސްވެރިކަމަށް މިހާރު ދިމާވެފައިވާ، މަސްވެރިންނަށް ހަމަ އަގު ހޯދުމުގައި އެހީވެދޭނެ މަޝްރޫޢުތަކެއް ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.