Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރައީސް ފުއްދެވި އެންމެ ބޮޑު ވައުދަކީ ކޯލިޝަން ދެމެހެއްޓުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދެވި އެންމެ ބޮޑު ވައުދަކީ ސިޔާސީ އެކި ފަރާތްތަކަށްވި ވައުދު ހިފަހައްޓަވާ ކޯލިޝަން ދެމެހެއްޓެވުންކަމަށް ހައުސިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފ. ދަރަނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އަންނަން ބޭނުންވާނޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ. ސިޔާސީ ވާދަވެރިކަން އަބަދުވެސް ގައުމުގައި އޮންނާނެ ކަމަށާއި އެ ވާދަވެރިކަމުގެ ތެރެއިން ނުބައި ނިންމުމެއް ނިންމިއްޖެކަމަށް ވާނަމަ އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށްގޮސް ގައުމު ނުތަނަވަސްކަމެއްގެ ތެރެއަށްގޮސް މިހާރު ހިނގާ މަސައްކަތްތަކަށް ހުއްޓުމެއް އަންނާނެ ކަމަށެވެ.

"ކިތަންމެ ވަރަަކަށް ތޮޅުނަސް ހެޔޮ. މަސައްކަތްތަކަށް ހުރަސްއެޅޭކަހަލަ ކަންކަން ކޮށްގެން ނުވާނެ." އަސްލަމް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ކެމްޕޭންގައި ރައީސް ސޯލިހްވެލެއްވި އެންމެ މުހިންމު އެއް ވައުދަކީ ކޯލީޝަން ހިފެހެއްޓުންކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ ކޯލިޝަން ދެމެހެއްޓި ސަރުކާރެއް މި ނޫނީ ނެތްކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މަޖިލިސް އިންތިހާބު އައިއިރު ކޯލިޝަން ރޫޅިފައިއޮތް ކަމަށާއި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އަހަރެއްވީއިރު ކޯލިޝަން ރޫޅުނުކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ވައުދަށް ހުރުމަތްތެރިކޮށް ނުހިތައިފިނަމަ ހަމަނުޖެހުން އުފެދޭނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ރައީސް ސޯލިހް ފުއްދަވައިދެއްވި އެންމެ ބޮޑު ވައުދަކީ ސިޔާސީ ގޮތުން އެކަކު އަނެކަކަށްވީ ވައުދު ހިފެހެއްޓުން ކަމަށެވެ. މިހާރު އޮތީ ރިޔާސީ އިންތިހާބުގެ ދުވަސްވަރުކަމަށާއި މިހާރު އެކި ސިޔާސީ ލީޑަރުން އެކި ދިމަދިމާލަށްދިޔަނަމަވެސް ވައުދު ނުފުއްދުނުކަމަށް ނުވާނެކަމަށް ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑުމެން މިތިބީ ހަމައެކުގަ ތިބެންވެގެން، އަދިވެސް އެކީގައޭ މިތިބީ. ފެނިވަޑައިގަންނަވާނެ އެކީގައި ތިބިތަންވެސް. އެއަށްވުރެއް ބޮޑުކަމެއް ރައީސް ނުކުރައްވާ، އަޅުގަނޑަކަށެއް ހަމަ ޔަގީނުންވެސް. އެކަންވީމަ ދެންހުރިހާކަމެއް ރީތިކޮށް ތަރުތީބުވެގެން ދާނެ." އަސްލަމް ވިދާޅުވިއެވެ.

ކުރިއަށް ރިޔާސީ އިންތިހާބު އޮތްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ރައްޔިތުން ގާތަށް ހުރިހާ ސިޔާސީ ޕާޓީތައްވެސް އަންނާނެ ކަމަށެވެ. އަދި އެޕާޓީތަކުން ސިޔާސީ ވައުދުތައްވެސް ވާނެކަމަށާއި އެހެންނަމަވެސް ރައްޔިތުން ގޮތެއް ނިންމަންވާނީ ވިސްނުމަށްފަހު ކަމަށެވެ. އަދި މިހާތަނަށް ވައުދަށް ހުރުމަތްތެރިކޮށް ހިތީ ކާކުތޯ އަދި ވައުދަށް ހުރުމަތްތެރިކޮށް ހިތާނީ ކާކުތޯ ވިސްނަންވާނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށްއޮތް ރިޔާސި އިންތިހާބުގައި މީހުން ބާކީކުރުމަށް މީހަކު ބުނީތީ ވޯޓުލުމުގެ ބަދަލުގައި ހަމަޖެހުން ދެމެހެއްޓުމަށް ސިޔާސަތަށް ވޯޓުލާންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.