Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

އާމިރުގެ ދަރިފުޅުގެ ފިލްމު ހުއްޓާލައިފި

ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރެން މަސައްކަތް ފެށި ފިލްމު "މަހާރާޖާ" ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖުނައިދު ބޮލީވުޑަށް ނެރެން އުޅުނު އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ އޮފިޝަލުންތަކަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ޝޫޓިން ވެސް ފަށާފައި އޮތް ފިލްމު ނަހަދަން ނިންމީ އެއީ މި ވަގުތަށް މާ މުހިއްމު ޕްރޮޖެކްޓަކަށް ނުވެފައި، އާ އެކްޓަރަކާ އެކު ރިސްކެއް ނަގަން މި ވަގުތު އަދިތިޔާ ބޭނުން ނުވުމެވެ.

އެހެންވެ "މަހާރާޖާ" ގެ މަސައްކަތް އެއްކޮށް ހުއްޓައިލީ ކަމަށާއި އެ ފިލްމު ކުރިއަށް އޮތް ތަނުގައި ވެސް ނަހަދަން ނިންމާފައިވާ ކަމަށެވެ.

މި ފިލްމަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ފެށި އެއްޗެކެވެ. އެގޮތުން "މަހާރާޖާ" ގައި ޖުނައިދު ކުޅެން އޮތީ، އޭރު ނޫސްވެރިއެއްގެ ރޯލު އަދާކުރި ކަރްސަންދާސް މުލްޖީގެ ރޯލު ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ވައިއާރްއެފްގެ 2018 ގެ "ހިޗްކީ" ގެނެސްދިން ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާއިންނަކީ އެ ސްޓޫޑިއޯ އިން 2021 ގައި ގެނެސްދިން "ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުކުރި ޝަރުވާރީ ވާގް އާއި ވައިއާރްއެފްެ ފުން "ޖަޔޭޝްބާއީ ޖޯރުދާރު" ގެ ބަތަލާ ޝާލިނީ ޕާންޑޭ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

އެކަމަކު "މަހާރާޖާ" އާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މީޑިއާތަކުން ބުނީ އެ ފިލްމު ނަހަދަން ނިންމިކަން އެނގިގެން އަދިތިޔާއާ އާމިރު ބައްދަލުކޮށް ކަމުގަތް ހަގީގަތް އޮޅުން ފިލުވުމުން، ފިލްމު ނަހަދަން ނިންމިކަން އޭނަ އަށް ވެސް ކަށަވަރުކޮށް ދީފައިވާ ކ،ަމަށެވެ.

ހަންގާމާ އިން ބުނި ގޮތުގައި "މަހާރާޖާ" ނަހަދަން ނިންމައި އެ ސްޓޫޑިއޯގެ ހުރިހާ ފޯކަސްއެއް މިހާރު އޮތީ ނޮވެމްބަރުގައި ރިލީޒްކުރާ "ޓައިގާ 3" އާއި ޝޫޓިން އަށް ތައްޔާރުވާ "ވޯ 2" ގެ އިތުރުން "ޓައިގާ ވާސަސް ޕަތާން" އަށެވެ. ވައިއާރްއެފްގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ޝާހްރުކް ޚާންގެ "ޕަތާން" އެވެ.