ޖަރުމަނު ލީގުގެ ފަހު މެޗުގައި މިރޭ އެފްސީ ކޮލޯން 2-1 އިން ބަލިކޮށް ބަޔާން މިއުނިކުން ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
ބަޔާނުން ލީގު ޗެމްޕިއަންކަން ހޯދީ 34 މެޗުން ހޯދި 71 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ނިންމާލި ބްރޫޝިއާ ޑޯޓްމަންޑަށް ވެސް 71 ޕޮއިންޓް ލިބުނު ނަމަވެސް ބަޔާނަށް ޗެމްޕިއަންކަން ލިބުނީ ގޯލުގެ ތަފާތުންނެވެ. މިރޭ ކުޅުނު މެޗުން ޑޯޓްމަންޑް މޮޅުވި ނަމަ އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ނަމަވެސް ފަހު މެޗުގައި ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި މެއިންޒްއާ ބައްދަލުކޮށް 2-2 އިން އެއްވަރުވެފަ އެވެ.
ކޮލޯންގެ ދަނޑުގައި ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި ކިންގްްސްލީ ކޯމަން ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ލުބިޗިޗް ކޮލޯން އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ 89 ވަނަ މިނެޓްގައި ޖަމާލް މުސިއާލާގެ ހިތްގައިމު ގޯލުން ބަޔާން ވަނީ މި މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
މިއީ ބަޔާނުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި 11 ވަނަ ފަހަރެވެ. އަދި މިއީ ބަޔާންގެ ތާރީހުގައި ހޯދި 33 ވަނަ ޖަރުމަނު ލީގު ތަށްޓެވެ.