ދެކުނު އެފްރިކާގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ތޮމްޕްސަން ހޮލިޑޭއިސްއާއި ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ، އެމްއެމްޕީއާރްސީން ކެމްޕެއިން ޖުލައިގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ތޮމްޕްސަން އާއި ގުޅިގެން ހިންގާ މިކެމްޕެއިން ފަށާފައިވަނީ މިއަަހަރުގެ އެޕްރީލް މަހުގައެވެ. އަދި ކެމްޕެއިން ޖުލައިގެން ނިޔަލަށް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގެ ދަށުން، ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ އަދި ބޭރުތެރޭގައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެކުނު އެފްރިކާ ސަރަހައްދުގައި ރާއްޖެ މަންޒިލެއްގެ ގޮތުގައި މަޤްބޫލުކަން އިތުރުކޮށް، އެކި ސެގްމެންޓުތަކަށް އަންނަ ފަތުރުވެރިން އަދަދު އިތުރު ކުރުން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މިގޮތުން ޖުމްލަ 18 ހަރަކާތެއް މި ކެމްޕެއިން ތެރެއިން ހިންގާނެއެވެ. އޭގެ ތެރޭގައި ޓްރެވެލް އޭޖެންޓް އިންސެންޓިވް ޕްރޮގްރާމް، އަދި ސޯޝަލް މީޑިއާގައި ރާއްޖެ ބީޗް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މިއާއެކު ބޭރު ތެރޭގައި ކުރިއަށް ގެންދާ ބީ-ޓު-ބީ ހަރަކާތްތައް އަދި ކެމްޕެއިންތައްވެސް އެކުއެކީ ކުރިއަށް ގެންދާނެއެވެ.
ތޮމްޕްސަން ހޮލިޑޭއަކީ ދެކުނުގެ އެފްރިކާގައި މިވަގުތު ހަރަކާތްތެރިވަމުންދާ އެންމެ ބޮޑު އެއް ޓުއަރ އޮޕަރޭޓަރެވެ. އެގޮތުން ދާއިރާގައި 40 އަހަރުގެ ތަޖުރިބާ އެ ފަރާތުން ހުރި އިރު، ދެކުނު އެފްރިކާ މާކެޓުގައި ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލު ކުރެއެވެ.
ދެކުނު އެފްރިކާއިން 2021 ވަނަ އަހަރު 16347 މީހުން އައިސްފައިވާއިރު، 2022 ވަނަ އަހަރު 14،840 މީހުން ވަނީ އައިސްފައެވެ. އެމްއެމްޕީއާރްސީން ވަނީ މިއަހަރު އެފްރީލް މަހު އޮތް ޑަބްލިއުޓީއެމް އެފްރިކާގައިވެސް ބައިވެރިވެފައެވެ.