ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހް ކޮށްދެއްވައި، މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފި އެވެ.
މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކުރީ އަލްޓެކް މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑާ އެވެ. މަގޫދޫގައި ޤާއިމްކުރި މި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ.
ފ. މަގޫދޫގައި އަލަށް ޢިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި. pic.twitter.com/9CoDNZlPzU
— Fenaka Corporation Ltd (@TeamFenaka) May 27, 2023
މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެންގުޅައި ދީފައިވެ އެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވެ އެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި، ގްރީން ފަންޑުން ޚަރަދު ކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ.
މަގޫދޫ އިންޖީނުގޭގެ އޮފީސް ޢިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި ޢިމާރާތެއް ނުހުރެ އެވެ. އަލަށް ހެދުނު އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެ އެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިރު އެތަނުގައި ހުރީ 3 މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ އެވެ. އަލަށް ހެދުނު އިންޖީނުގޭގެ އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް ޢިމާރާތެކެވެ.