ލިއޮނެލް މެސީގެ ގޯލާއެކު ޕީއެސްޖީ އިން 11 ވަނަ ފަހަރަށް ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ލީގުގައި ބާކީ އެއް މެޗު އޮއްވައި ޕީއެސްޖީން ލީގު ޔަގީން ކުރީ ރޭ ރަށުން ބޭރުގައި ސްޓްރަސްބޯގްއާ ވާދަކޮށް 1-1 އިން މެޗު އެއްވަރު ކޮށްގެންނެވެ. މެޗަށް ނުކުތް އިރު ވެސް ޕީއެސްޖީ އަށް ލީގު ޔަގީން ކުރަން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
ޕީއެސްޖީ އަށް ލީގު އެއްވަނަ ލިބެނީ 37 މެޗުން 85 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ދެވަނައިގައި އޮތް ލެންސް އަށް ލިބިފައި ވަނީ 81 ޕޮއިންޓެވެ. ތިންވަނަ ހޯދި މާސޭ އަށް ލިބިފައިވަނީ 73 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ކިލިއަން އެމްބާޕޭ ދިން ޕާހަކުން މެޗުގެ 59 ވަނަ މިނެޓްގައި މެސީ ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާއެކު މެސީ ވަނީ ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގުގައި 495 ލަނޑު ޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. މެސީ އެ ރެކޯޑް މުގުރާލީ 496 ގޯލާއެކު އެވެ.
މެސީގެ ގޯލާއެކު ޕީއެސްޖީ މެޗުން މޮޅުވާން ދަނިކޮށް މެޗުގެ 79 ވަނަ މިނެޓްގައި ސްޓްރަސްބޯގް އަށް ނަތީޖާ އެއްވަރުކޮށްދިނީ ކުރިން ޕީއެސްޖީ އަށް ކުޅުނު ކެވިން ގަމެއިރޯ އެވެ.
ޕީއެސްޖީން ލީގު ޗެމްޕިއަންކަން 11 ވަނަ ފަހަރަށް ހޯދި ނަމަވެސް މި ސީޒަނަށްފަހު މެސީ އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ.