Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ރޮނާލްޑޯގެ އަލް ނަސްރަށް ލީގު ނުހޯދުނު

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އަލް ނަސްރަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލުނީ ރޭ ރަށުން ބޭރުގައި އިއްތިފާގާއި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުންނެވެ. އެ މެޗު އެއްވަރުވުމުން ސައުދީ ޕްރޯ ލީގު ޗެމްޕިއަންކަން އަލް އިއްތިހާދަށް ވަނީ ލިބިފަ އެވެ. އިއްތިހާދުން ރޭ ވަނީ އަލް ފެއިހާގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ. މިއީ 14 އަހަރުތެރޭ އިއްތިހާދުން ހޯދި ފުރަތަމަ ލީގު ތަށްޓެވެ.

ލީގުގައި ބާކީ އެއް މެޗު އޮއްވައި އިއްތިހާދުން ލީގު ޗެމްޕިއަންކަން ހޯދީ 29 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. އަލް ނަސްރަށް ލިބުނީ 64 ޕޮއިންޓެވެ. ތިންވަނައިގައި 56 ޕޮއިންޓާ އެކު އޮތީ އަލް ހިލާލް އެވެ.

ރޭގެ މެޗުގެ 43 ވަނަ މިނެޓްގައި ޔޫސޮފޫ ނިއަކާޓޭ ވަނީ އިއްތިހާދަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 56 ވަނަ މިނެޓްގައި ލުއިޒް ގުސްޓާވޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އަލް ނަސްރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އަލް ނަސްރަށް ލީގު ޗެމްޕިއަންކަން ނުހޯދުނުއިރު އެޓީމު ވަނީ ސައުދީ ކިންގް ކަޕްގެ ފައިނަލަށް ނުގޮސް ކަޓައިފަ އެވެ.