Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ފެނަކަ އަކީ ހުސް ދިވެހިން ތިބި ކުންފުންޏެއް

ފެނަކަ އަކީ މުޅިން ވެސް ދިވެހި މުވައްޒަފުން ތިބި ކުންފުންޏެއް ކަމަށާއި ކުންފުންޏަކަށް ލިބޭ އެންމެ ބޮޑު ފަހުރަކީ ވެސް އެއީ ކަމަށް ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މަގޫދޫގައި ފެނަކައިގެ އޮފީހެއް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ އެ ކުންފުނީގެ 1،000 އަށް ވުރެ ގިނަ މުއްޒަފުން މަސައްކަތްކުރާ އިރު، ފެނަކަ އަކީ ދިވެހިން ބިނާކޮށް ކުރިއަރުވަން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށެވެ.

އޭނަ ވިދާޅުވި ގޮތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަކީ ފެނަކަ އިން މިހާރު ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށާއި މި ސަރުކާރުގެ ފާއިތުވި މުއްދަތުގެ ތެރޭގައި ފެނަކަގެ މުވައްޒަފުން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ.

"ކޮންސަލްޓަންޓުން ފެށިގެން އެންމެ އާދައިގެ ވަޒީފާއާ ހަމައަށް ވެސް މި ކުންފުނީގައި ތިބީ ހުސް ދިވެހި ދަރިން. އެއްވެސް ރަށެއްގެ އިންޖީނު ބެލެހެއްޓުމަށް ބޭރު މީހަކު ނުހުންނާނެ،" ސައީދު ވިދާޅުވި އެވެ. "އެ ދިވެހި ދަރިން މިއަދު އެ ދަނީ ފަންނީ ގޮތުންނާއި އިލްމީގޮތުން ބޭނުންވާ ތަމްރީންތައް ހޯދަމުން."

އޭނަ ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު އަހަރު ތެރޭގައި ފެނަކައިގެ އެތައް މުވައްޒަފުންނެއް މާސްޓާސް ޑިގްރީ އާއި ސެޓްފިކެޓް ލެވަލްގެ ކޯސްތައް ފުރިހަމަކޮށް ގްރެޖްއޭޓްވެފައިވެ އެވެ. އަދި މިހާރު ވެސް 270 އަށް ވުރެ ގިނަ މުވައްޒަފުން އެކިއެކި ތައުލީމީ ތަމްރީންތައް ފުރިހަމަ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މި ހަތަރު އަަހަރު ތެރޭގައި އެކި ދާއިރާތަކުން 21 ކުދިން މާސްޓާސް ހަދައިފި ފެނަކައިގެ ހަރަދުގައި. ލެވަލް 3ގެ ކޯސްތައް 67 މުވއްޒަފަކު ފުރިހަމަކޮށްފި،" ސައީދު ވިދާޅުވި އެވެ. "ދުއިސައްތަ ހަތްދިހަ އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މިހާރުވެސް އެކި ދާއިރާތަކުން ތަމްރީން ފުރިހަމަކުރަމުން."

އޭނަ ވިދާޅުވީ 2018 ގައި ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިއާ ހަމައަށް ފެނަކައިން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް ދިނީ އެންމެ ފަސް މުވައްޒަކަށް ކަމަށެވެ.