ދަރިފުޅަށް ވަރަށް ވަގުތު ދޭން ޖެހޭ ކަމަށާއި އެހެންވެ މިހާރު ޕްލޭނަކީ އަހަރަކީ އެންމެ ފިލްމެއްގެ މަސައްކަތްކުރުން ކަމަށް ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.
އިއްޔެ ފްރާންސްގައި ނިންމައިލި 76 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ބައިވެރިވި 35 އަހަރުގެ ބަތަލާ ބުނީ ދެ އަހަރުގެ އަންހެން ދަރިފުޅުގެ ގާތުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ. އަދި މިއީ ދަރިފުޅަށް އެންމެ ބޮޑަށް ވަގުތު ދޭން ޖެހޭ އުމުރު ވެސް ކަމަށްވުމާ އެކީ ފިލްމީ މަސައްކަތުގައި އެހާ ބުރަކޮށް އުޅެން ބޭނުން ނުވާ ކަމަށެވެ.
"އެހެންވެ ދަރިފުޅު ވަކި އުމުރަކަށް އެޅެންދެން މިހާރު ނިންމައިގެން މި ހުރީ އަހަރަކު ފިލްމެއްގެ މަސައްކަތް ކުރަން." ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ބުންޏެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅުނު ހުނަރުވެރި ބަތަލާ ބުނީ ބޭނުން ވަނީ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރު ވެސް ބެލެންސްކުރަން ކަމަށެވެ. އެހެންވެ އެއްވެސް ކަމެއް ގުރުބާން ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"އެކްޓިން އަކީ އަހަރެން ދޫކޮށްލާނެ ކަމެއް ނޫން. އެކަމަކު އެކަމުގައި ދެމިހުންނާނީ އާއިލާ ވެސް ބެލެންސްކުރަމުން." އަނުޝްކާ ބުންޏެވެ.
ޝާހްރުކް ޚާންގެ 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކާ އެކީ ކުޅުނު 2018 ގެ "ޒީރޯ" އެވެ.
އަނުޝްކާ މިދިޔަ އަހަރު އޮތީ ފިލްމެއްގެ މަސައްކަތް ނިންމައިފަ އެވެ. އެއީ އޭނަ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެންނާނެ "ޗަކްދާ އެކްސްޕްރެސް" އެވެ. އެކަމަކު އަދި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ނުނިންމަ އެވެ.