ފ. މަގޫދޫގައި ތަރައްގީ ކުރަމުންގެންދާ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.
ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ފ. މަގޫދޫއަށް ވަޑައިގެންފައިވަނީ އިއްޔަ ހަވީރުގެ ވަގުތެއްގައެވެ. އަދި ރައީސް ސޯލިހް ރޭ ވަނީ މަގޫދޫގެ ފެނާ ނަރުދަމާ އަދި ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ހެނދުނު މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރަމުންގެންދާއިރު އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 40 އިންސައްތަ މިހާރުވަނީ ނިމިފައެވެ. އަދި އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
— The President's Office (@presidencymv) May 28, 2023
މީގެއިތުރުން ރޭ މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މަގޫދޫގެ ރައްޔިތުން ހުށައެޅުއްވި ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުއަކީ 231.54 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 1800 މީޓަރ ދިގު ރަންވޭއެއް ހެދުމާއި، ޕަސެންޖަރ ޓާރމިނަލް އިމާރާތެއް ހެދުމާއި، ފަޔަރ ސްޓޭޝަން ހެދުމާއި، ސަލާމަތީ ވަސީލަތްތައް ގާއިމު ކުރުމާއި، ނެވިގޭޝަން އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން މެޓް އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން އަދި ގްރައުންޑް ހޭންޑްލިންގ އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެއެވެ. މި އެއާޕޯޓް ތަރައްގީ ކުރަނީ ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ.