Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގައުމީ އެއާލައިންގެ ދަރަޖަ ނުލިބޭ، މަޢާފަށް އެދެން!

ބިއޯންޑް އެއާލައިންގެ ލިވެރީ / ފޮޓޯ: ބިއޯންޑް

ބިއޯންޑަށް ޤައުމީ އެއާލައިނުގެ ދަރަޖަ ދީފައިވާ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އެއާލައިނުން ބުނެފިއެވެ.

ސިމްޑީ ގްރޫޕުގެ ހިއްސާއާއި އެކު އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރާ ބިއޯންޑް އެއާލައިނުން މިހެން ބުނެފައިވަނީ އެކުންފުނީގެ ސީއީއީ ޓެރޯ ޓަސްކިލާ، ސީއެންއެންގެ ކުއެސްޓް މީންސް ބިޒްނަސްއަށް ދިން އިންޓަވިއުގައި، ޤައުމީ އެއާލައިންގެ ދަރަޖަ ލިބުމާއިއެކު ރާއްޖެ ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން ލިބޭ އިނާޔަތްތައް އެ އެއާލައިނަށްވެސް ލިބޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން އަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވިއަން ކަމަށްވާއިރު، އިތުރު އެއާލަނަކަށް މި އިނާޔަތްތައް ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށް ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ބައެއް އާންމުންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މިކަމުގައި ބިއޯންޑް ކުންފުނިން ވަނީ ކުންފުނީގެ ސީއީއޯ ދެއްކި ވާހަކަތަކަށް މަޢާފަށް އެދިފައެވެ.

އެގޮތުން އެކުންފުނިން މިކަމުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބިއޯންޑް ކުންފުނިން ވަނީ މިފަދަ ކަމާކާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރެވި، އަދި ހުއްދަވެސް ލިބިފައި ނުވާ ކަމަށް ހާމަކޮަށްފައެވެ. އަދި އިންޓަވިއުއުގައި ބޭނުން ކުރެވިފައިވަނީ ގޯސް "ލަފްޒުތަކެއް" ކަމަށް ކުންފުނިން ވަނީ ބުނެ، އެކަމަށް މަޢާފަށް އެދިފައެވެ.

އެކުންފުނީގެ ބަޔާނުގައި ވަނީ ކުރިއަށް އޮތް ތަނުގައިވެސް އެކުންފުނިން ކުރާ މަސައްކަތައް ސަރުކާރާއި އަދި ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަން ހާމަކޮށްފައެވެ.

ބިއޯންޑް އެއާލައިނަކީ ދުބާއީގައި ރަޖިސްޓްރީ ކުރެވިފައިވާ އަރަބެސްކްއާއި ރާއްޖޭގެ ސިމްޑީ ގްރޫޕް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެއާލައިނުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ފުރަތަމަ މުޅިން ލަގްޒަރީ ދަތުރުތަކަށް ހާއްސަ އެއާލައިނެވެ. މިގޮތުން ދުނިޔޭގެ 80 މަންޒިލަކާއި ބިއޯންޑް ގުޅާލެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ބިއޯންޑް އޮޕަރޭޓް ކުރުމަށް ހަމަޖެހިވަނީ ރާއްޖެއިންނެވެ.