Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރާއްޖެ ކޮވިޑުން އަރައިގަތް ގޮތް އެހެން ގައުމުތަކުން ބެލި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ކޮވިޑުން އަރައިގަތްގޮތް އެހެން ގައުމުތަކުން ބެލިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފ. ބިލެތްދޫ އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބިލެތްދު އާ އިންޖީނުގެއާއެކު މުޅި ރަށުގެ ކަރަންޓް ވިއުގަ މިއަދު އެއްކޮށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި ކަރަންޓް ހިދުމަތްދޭ މުވައްޒަފުންނަށް ފަސޭހައިން ހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ އިމާރާތެއް ގާއިމު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑްގެ ވަބާގައި ފ. އަތޮޅުން އެންމެ ފުރަތަމަ ފުރަބަންދު ކުރަންޖެހުނީ ބިލެތްދޫކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ކޮވިޑުން އަރައިގަނެވުނީ އޭރު އެޅުނު މުހިންމު ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ކޮވިޑުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހުނީ ސަރުކާރުން އެ ބުރަ އުފުލުމުން ކަމަށް ވިދާޅުވިއެވެ. އެފަދަ ދަނޑިވަޅެއްގައި ސަރުކާރުން ނަގަން ޖެހޭ ޒިންމާއެއް، ބުރައެއް ނަގާ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަންތައް ކުރުމަކީ އެކަންކުރަން ޖެހޭނެ ގޮތް ކަމަށް ވިދާޅުވިއެވެ. ކޮވިޑްގެ ދުވަސްވަރު ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އަވައްޓެރި ލަންކާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އޭރު ފައްޓާފައި ހުރި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހުއްޓާލުން ކަމަށެވެ.

އެ ދުވަސްވަރު ސީޝެލްސްގެ ރައީސް ފޯނު ކުރެއްވިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއިން ކޮވިޑް މެނޭޖްކުރިގޮތް ސީޝެލްސްއިން ސާފުކުރި ކަމަށެވެ. އަދި ކޮވިޑަށްފަހު ސީޝެލްސްގެ ރައީސާ ބައްދަލުވުމުން، އެގައުމުން ކޮވިޑް މެނޭޖް ކުރުމުގައި ބަލަމުންއައީ ރާއްޖެއިން އަމަލު ކުރި ގޮތް ކަމަށް ސީޝެލްސްގެ ރައީސް ވިދާޅުވި ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅެއް ބަލައި، އެ ގޮތަކަށް ކަން ކުރަމުން ދިޔަކަމަަށް އެ ގައުމުގެ ރައީސް ވިދާޅުވިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑް މެނޭޖްކުރެވުނީ ސިއްހީ މާހިރުންގެ މަޝްވަރާގެމަތިން ސިޔާސަތުތައް އެކުލަވައިލުމުގެ ސަބަބުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ސިޔާސަތުތައް އެކުލަވައިލާނީ ކަމާ ބެހޭ މާހިރުންގެ ވިސްނުމާއި ހިޔާލު ހޯދައިގެންކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ފެނަކައިން ރަށްރަށުގައި ގާއިމުކުރާ އިންޖީނުގެތަކާއި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ވަސީލަތް ބޭނުންވާކަމަށާއި އެކަންކަން ފުއްދުމަށް ފެނަކައިން އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށެވެ. ފެނަކައިން މިހާރުވެސް އިތުރު 28 އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ މަސައްކަތްކުރަނީ މި ދައުރު ނިމުމުގެ ކުރިން އެ އިންޖީނުގެތަކުގެ މަސައްކަތް ނިންމުމަށް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވި ބިލެތްދޫ ބަނދަރު ހެދުން އެމްޓީސީސީއަށް ހަވާލުކޮށް ޑިޒައިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމަސައްކަތުގެ ތެރެއިން ބިން ހިއްކުުގެ މަސައްކަތާއެކު ދެމަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ އަރުވާފައެވެ.

ފ. އަތޮޅުގައި އެއާޕޯޓެއް އެޅެމުންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެއާޕޯޓްގެ ފައިދާ މުޅި އަތޮޅަށް ކުރާނެ ކަމަށެވެ. އަދި އެއާޕޯޓަކީ ގެސްޓްހައުސްގެ ވިޔަފާރި މުޅި އަތޮޅަށް ފުޅާވެގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށާއި، ގެސްޓްހައުސްގެ ވިޔަފާރިއަށް އިންވެސްޓްކުރަން ޕްލޭން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރިފަދަ ކަންކަމަށް ހާއްސަކޮށްގެން ސަރުކާރުން ލުއި ލޯނު ދެމުން ގެންދާ ކަމަށާއި، ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ގެސްޓްހައުސްގެ ވިޔަފާރި ފެށުމަކީ އެދިލެއްވުމެއްކަމަށް ވިދާޅުވިއެވެ.