ފެނަކައަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
ފ. ބިލެތްދޫ އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މީހުން ފެނަކައިގެ ވާހަކަ ދައްކާނެ ކަމަށާއި އެކަން އެހެންވަނީ އެތައް އަހަރެއް ވަންދެން ނުކުރެވި ހުރިކަންކަން ކުރު މުއްދަތެއްގެ ތެރޭގައި ފެނަކައިން ކުރުމުންކަމަށެވެ.
ރާއްޖޭގެ ގިނަ ޒުވާނުން ފެނަކައިގެ ވަޒީފާގައި މިއަދު އުޅުމަކީ އެއާއިލާތަކަށް ލިބޭ ހަމަޖެހުމެއް ކަމަށާއި އެހެންނަމަވެސް އެކަންވެފައިވަނީ ވާދަވެރިންނަށް ބަލައިގަންނަން އުނދަގޫ ކަމަކަށް ކަމަށް ސައީދު ވިދާޅުވިއެވެ. ފެނަކައިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަކީ ފެނަކައިގެ ވާހަކަ ވާދަވެރިން ދައްކާ އެއް ސަބަބުކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ، ފެނަކައިން ވައްކަމެއް ނުކުރޭ، ވައްކަމެއް ނުކުރާނެ." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބަޔަކު ނަގަމުންއައި ނާޖައިޒު ފައިދާ ހުއްޓުމުން ހިތަށް ކެތްނުކުރެވިގެން ޒާތްޒާތުގެ ވާހަކަ މީހުން ދައްކަމުން ދާކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތަކާ ގުޅިގެން ހިތަށް އެއްވެސް އެއްޗެއް ނާރާކަމަށާއި މިތިބީ ވަރަށް ސާބިތުކަމާއެކު ކަމަށް ވިދާޅުވިއެވެ.
ފެނަކައަކީ ތަންމިނަށް ހުޅުވާފައިހުރި ތަނެއް ކަމަށާއި މައްސަލައެއް އޮތްތޯ އެކަންކަން ބައްލަވަންޖެހޭ ތަންތަނުން ބެއްލެވުމަށް ސައީދު އެދިވަޑައިގަތެވެ. އެހެންނަމަވެސް ވައްކަމެއް ފެންނަން ނޯންނާނެކަމަށް ވިދާޅުވިއެވެ.