Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް

ވޯޓު ބައިބައި ކުރުމުގެ ފޯމިއުލާ: ތާރީޚު ކިޔައިދެނީ ކޮން ވާހަކަތަކެއް؟

ރާއްޖޭގައި ގިނަ ޕާޓީ ވާދަކުރާ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ތިން ރިޔާސީ އިންތިޚާބެއް ނިމިފައިވާ އިރު ކޮންމެ އިންތިހާބެއް ވެސް ކާމިޔާބުކޮށްފައިވަނީ އިއްތިހާދެއްގެ ތެރެއިން ގިނަ ޕާޓީތަކުން ރުހޭ ކެންޑިޑޭޓަކު ނެރެގެންނެވެ.

މީގެ ފަސް އަހަރުކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް އެންމެން އެއްގަލަކަށް ފުރަތަމަ ބުރުން ފެށިގެން އަރަން ޖެހުނީ، ވެރިކަމާއި ކައިރިވެދާނެ ކަމުގެ ކިރިޔާވެސް ނިޝާނެއް ދެއްކި މީހަކަށް ޖަލުގެ ކުޑަގޮޅި ނޫންތަނެއް ނުދެއްކުމުންނެވެ. ނަމަވެސް އޭރާއި މިހާރު ވަރަށް ބޮޑަށް ތަފާތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުއްވާ "ގޭމު" ޔާމީނާއި ހާސްބައި ތަފާތެވެ. ތަންކޮޅެއް ކުރިއަށް ޖެހިލަމާތޯއެވެ؟

މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީ އުފެދި ރައީސް ނަޝީދު ފަހަތުގައި ހުންނަވައި ފެއްޓެވި މަސައްކަތަށް ނުހަނު ބޮޑު ތަރުހީބެއް ލިބުނެވެ. އެހެން ބަޔަކަށް ލައުޑު ސްޕީކަރެއް ހިފައިގެން މައުމޫނުގެ އިސްތިއުފާއަށް ގޮވަން ކެރުނީ ނަޝީދު އިސްވެ ހުންނަވައި ލައުޑު ސްޕީކަރު ހިއްޕެވުމުން ޖަލަށް ވަޑައިގަންނަން ޖެހުމުންނެވެ.

އެތައް ބަޔަކު ދިވެހި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މައުމޫނުގެ ވެރިކަމަށް ނޫނެކޭ ބުނެ މަގުމައްޗަށް ނިކުތެވެ. ނަޝީދާއި މައުމޫނުގެ އެމްޑީޕީ އާއި ޑީއާރުޕީގެ އިތުރުން ވެސް ގިނަ ކުދި ޕާޓީތައް އުފެދެން ފެށިއެވެ. ޤާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީއާއި ދީނީ އިލްމުވެރިންތަކެއް އިސްވެ ދީން ކުރިއެރުވުމުގެ ނަމުގައި އުފެދުނު އަދާލަތު ޕާޓީއާއި ހަސަން ސައީދާއި ޑރ ޖަމީލު އަދި ޑރ ޝަހީދު އިސްވެ އުފެއްދި ޤައުމީ ޕާޓީ ވެސް ވުޖޫދުވެ އެކަކު އެކަނި ވަލުގައި ހިފައި އިންތިޚާބަށް ނިކުތުމުގެ ސަގާފަތް ނިމުމަކަށް އައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލާން އޮތީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. އެއަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 208،252 މީހަކަށެވެ. އޭރުގެ ދިވެހި ރާއްޖޭގެ އާބާދީގެ 60 އިންސައްތައެވެ. 177،802 މީހުން ފުރަތަމަ ބުރުގައި ވޯޓުލާފައިވެއެވެ. 71،731 މީހުން ވޯޓުލީ މައުމޫނަށެވެ. ނަޝީދަށް ފުރަތަމަ ބުރުން ލިބިވަޑައިގެންނެވީ 44،293 ވޯޓެވެ. އެމްޑީޕީގެ ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގުން މަހުރޫމުވި ކަމަށް އޭރު ދައުވާ ކުރި ނަމަވެސް މިއީ ވަރަށްވެސް ބޮޑު ފަރަގެކެވެ.

ދެވަނަ ބުރަށް ދިއުމުން މައުމޫނަށް އިތުރުވީ އެންމެ 10،390 ވޯޓެވެ. ނަޝީދަށް، ޖުމުހޫރީ ޕާޓީ، ޤައުމީ ޕާޓީ އަދި އަދާލަތު ޕާޓީގެ އެހީތެރިކަމާއެކު ދެވަނަ ބުރުގައި 52،983 ވޯޓު އިތުރަށް ލިބުނެވެ. ރިޔާސީ އިންތިޚާބު އެމަނިކުފާނު ދެވަނަ ބުރުގައި ކާމިޔާބު ކުރެއްވީ 97،222 ސައްހަ ވޯޓު ހޯއްދަވައިގެންނެވެ. މިބުރުގައި މައުމޫނަށް ލިބިވަޑައިގެންނެވީ 82،121 ވޯޓެވެ. ޖެހިގެން އައި ދުވަހު އަނެއް ދިވެހިރާއްޖެއަކަށް އިރު އެރީ ރީނދުލާއި ރަތާއި ފެހި އެއްކޮށެވެ.

ރައީސް ނަޝީދުގެ ވެރިކަން މެދުތެރެއިން ނިމުމަކަށް އައިސް، ގައުމު ވެއްޓިފައި އޮތް ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް ހުރިހާ ފަރާތަކުން ވެސް އަޒުމު ކަނޑައެޅީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުންނެވެ. ނަޝީދުގެ އެމްޑީޕީ އޮތީ އިދިކޮޅު ޕާޓީގެ ގޮތުގައެވެ. ވެރިކަން ކުރާ ޕާޓީގެ ގޮތުގައި އިންތިޚާބަށް ނިކުންނެވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއެވެ. ނަމަވެސް އެންމެންގެ ނަޒަރު ހުއްޓިފައި އޮތީ އެމްޑީޕީ، ޕީޕީއެމް އަދި ޖުމުހޫރީ ޕާޓީގެ ގަދަހިފުމަށެވެ.

މިއިންތިޚާބުގައި ދިވެހި ރައްޔިތުން ވަނީ ރައީސަކު ކަނޑައެޅުމަށް ތިން ފަހަރު ވޯޓުލާފައެވެ. އެއްބަޔަކު ކޯޓަށް ގޮސްގެން އިންތިޚާބު ބާތިލުކުރިއިރު ފުރަތަމަ ބުރުގެ ދެފަހަރު ވޯޓު ލައިގެންވެސް ނަޝީދާ ކައިރިކުރެވޭނެ އިތުރު ކެންޑިޑޭޓަކު ނެތެވެ. އެންމެ ފުރަތަމަ ލީ ވޯޓުންވެސް ނަޝީދު ވަނީ 95،224 ވޯޓު ހޯދާފައެވެ. ޔާމީނާއި ގާސިމަށް ލިބިވަޑައިގެންނެވީ ކޮންމެ ބޭފުޅަކަށް ބައިލައްކަ ވޯޓެވެ. ޔާމީނަށް 53،099 އަދި ގާސިމް އިބްރާހީމަށް 50،422 ވޯޓެވެ. ކޯޓުން އިންތިޚާބު ބާތިލުކުރުމުން ދެވަނަ ފަހަރަށް ވޯޓުލުމުން ވެސް ނަތީޖާއަށް މާބޮޑު ބަދަލެއް ނުގެނެވުނެވެ. ނަޝީދަށް 96،764 ވޯޓު މިފަހަރު ލިބިވަޑައިގެންނެވިއިރު ޔާމީނަށް 61،278 ވޯޓު ލިބުނެވެ. ގާސިމް އިބްރާހިމަށް މިފަހަރު ލިބިވަޑައިގެންނެވީ ކުރިން ފަހަރަށް ވުރެ ވެސް މަދުން، 48،131 ވޯޓެވެ. މިފަހަރުވެސް ގާނޫނު އަސާސީގައި ރައީސަކު ކަނޑައެޅޭ ވަރަށް 50 އިންސައްތަ) ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ނުލިބުމުން ޖެހުނީ ތިންވަނަ ފަހަރަށް ވޯޓުލާށެވެ.

ނަމަވެސް އޭގެ ފަސް އަހަރު ކުރިޔާ ޚިލާފަށް މިފަހަރު ދެން ތިބި ހުރިހާ އެންމެން ޖެހިވަޑައިގަތީ ޔާމީނު ފަޅިއަށެވެ. ނަތީޖާއަކަށްވީ 49،925 އިތުރު ވޯޓު ލިބިވަޑައިގެން ރިޔާސީ އިންތިޚާބު ޔާމީން ކާމިޔާބުކުރެއްވުމެވެ. ނަޝީދަށް އެކަނި ނުކުމެވަޑައިގެން ލިބިވަޑައިގަތީ 105،181 ވޯޓެވެ. ޔާމީން އިންތިޚާބު ކާމިޔާބުކުރެއްވީ 111،203 ވޯޓުންނެވެ. އެންމެ 6،022 ވޯޓުގެ ތަފާތުން ނަމަވެސް ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޚު ވަނީ ބޮޑު ތަނުން ބަދަލުވެގެން ގޮސްފައެވެ.

ވެރިކަން ލިބިވަޑައިގެންނެވުމުން އޭގެ ކުރީ ފަހަރެކޭ އެއްފަދައިން ޔާމީނުވެސް ވަނީ ވެރިކަން ހޯދުމަށް އެހީތެރިވެދިން އެންމެން ނަގާ އެއްލާލާފައެވެ. ހަމައެކަނި ނަޝީދުގެ ވެރިކަމާއި ތަފާތުވީ ކަމަކީ، ޖަލަށް ލެވެން ހުރި ހުރިހާ އެންމެން އެމަނިކުފާނު ޖަލަށްވެސް ލެއްވީއެވެ. ކިރިޔާވެސް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކޮށްފާނެ މީހަކު ކަމަށް ބެލެވިއްޖެއްޔާ ދާން އޮތް ތަނަކީ ޖަލެވެ. ނަޝީދާއި، އިމްރާނާއި، ކާނަލް ނާޒިމާއި ޚުދު އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅުވެސް ލެއްވެވީ ޖަލަށެވެ. އިންތިޚާބު އައިސް ޖެހުނުއިރު އެންމެން ތިބީ އެއްތަންވެ، ޔާމީން ރައީސް އޮފީހުން ނެރެން ކެތް މަދުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު އިއްތިހާދު އިންތިޚާބު ކާމިޔާބުކުރެއްވީ 134،705 ވޯޓާއެކު ފުރަތަމަ ބުރުންނެވެ. ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

އަނެއްކާވެސް ރިޔާސީ އިންތިޚާބަކަށް ބޯމަތިވެފައިވާއިރު ރައީސް ނަޝީދާއި ޤާސިމް އިބްރާހިމްގެ ވޯޓު ރައީސް ސޯލިހަށް ގެއްލިއްޖެއެވެ. ކާނަލް ނާޒިމާއި އުމަރު ނަސީރުވެސް އިންތިޚާބަށް ނިކުންނަކަން އިއުލާންކޮށްފައިވާއިރު ޔާމީން އިންނެވީ ޖަލުގައެވެ. ނަމަވެސް ޔާމީނުގެ ވޯޓުވެސް މި އިންތިޚާބުގައި ވޯޓުލާނެއެވެ. ސަރުކާރުން އެއްބުރުން އިންތިޚާބު ކާމިޔާބުކުރަން އަޒުމުކުރި ކަމުގައި ވިޔަސް ތާރީޚު ހެކިދެނީ މިފަހަރަކީ ވެސް ދެވަނަ ބުރަކުން އިންތިޚާބު ނިމޭނެ އަހަރެއް ކަމުގައެވެ. މާޒީ ދައްކަނީ ދެވަނަ ބުރަކަށް ގޮސްފައިވާނަމަ އިންތިޚާބު ކާމިޔާބުކުރަނީ ފުރަތަމަ ބުރުގައި ދެވަނައަށް ދާ ކެންޑިޑޭޓެވެ.