Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަލަށް ހަދާ ޕާޓީ އަށް ސޮއިކުރާ ސިޔާސީ މުވައްޒަފުން ވަކިކުރަނީ

"ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރުން ކުރިއަށް ގެންދަނީ- ފޮޓޯ: ދަ ޑިމޮކްރެޓްސް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ސޮއިކުރާ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަޒީފާތަކުން ވަކިކުރަން ފަށައިފިއެވެ.

"ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރަމުންދާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި، އެމްޑީޕީގެ ދާއިރާތަކުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި ތިއްބެވި ފަރާތްތައް ހިމެނެއެވެ.

ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރަމުންދާ ފަރާތްތައް މަގާމުތަކުން ވަކިކުރަމުންދަނީ އެފަރާތްތައް އެމްޑީޕީން ވަކިވެފައިވާތީއެވެ. މަގާމުން ވަކިކުރިކަން އަންގާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައިވާ ސިޓީތައް ވަނީ ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވަނީ 3000 މެންބަރުންގެ ސޮއެވެ. "ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރުން ކުރިއަށް ގެންދާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި 3000 މެންބަރުންގެ ސޮޔަށްވުރެއް އިތުރަށް މިހާރު ވަނީ ސޮއި ލިބިފައެވެ.