އިންޑިއާގެ އެކްޓަރު ރަންދީޕް ހޫޑާ ޑައިރެކްޝަނަށް ނުކުތް ފިލްމު "ސުވަތަންތުރިއާ ވީރު ސަވަރުކަރް" ގެ ޓީޒާއެއް ދައްކާލައި މި އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެލަން އިއުލާންކޮށްފި އެވެ.
އެކަމަކު ފިލްމު ސިނަމާތަކަށް ގެންނާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ސުވަތަންތުރިއާ ވީރު ސަވަރުކަރް" އަކީ އިންޑިއާގެ ކުރީގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ އަދި ލިޔުންތެރިޔާ ވިނާޔަކް ދަމޯދާރު ސަވަރްކަރް އަށް ބިނާކޮށް ހަދާ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ޑައިރެކްޓްކުރުމުގެ އިތުރަށް މީގެ ޓައިޓްލް ރޯލު ވެސް ކުޅެނީ ރަންދީޕް އެވެ.
"މާޑާ 2" އާއި "ކިކް" އާއި "ޖިސްމު 2" އާއި "ސަރަބްޖީތު" އަދި "ހައިވޭ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ރަންދީޕް "ސުވަތަންތުރިއާ ވީރު ސަވަރުކަރް" ޑައިރެކްޓްކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މި ފިލްމު ފުރަތަމަ ޑައިރެކްޓްކުރާ ގޮތަށް އޮތީ 2021 ގައި ރިލީޒްކުރި ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" ޑައިރެކްޓްކުރި މަހޭޝް މަންޖްރޭކަރެވެ. ރަންދީޕް ޑައިރެކްޝަނާ ހަވާލުވީ މަހޭޝް ފިލްމު ދޫކޮށްލުމުންނެވެ.