ފ. ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުވައިފި އެވެ.
ފީއަލީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފީއަލީގެ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އިމާރާތްކުރެވިފައިވާ ތަނެކެވެ. އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އައު އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވެ އެވެ.
ފީއަލީގައި ސަރުކާރުން ބެހެއްޓި އައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖެއް އެކުލެވޭ އައިސްޕްލާންޓެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކަމަށާއި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. އެގޮތުން ފެނަކައާ ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުން ވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ.