ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ގެންދިޔަ އަންހެނުންގެ ޑޮކްޓަރުގެ ފަރާތުން ސިއްހީ ދާއިރާގެ މަސައްކަތް ކުރަން އޮންނަ އުސޫލާއި ހިލާފަށް އަމަލް ކުރާތީ ވަޒީފާއިން ވަކިކޮށް ފޮނުވާލައިފިއެވެ.
ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ޑޮކްޓަރު ވަޒީފާ އިން ވަކި ކުރީ އޭނާގެ ފަރާތުން "މެޑިކަލް ނެގްލިޖަންސާއި ޑިސިޕްލިން މައްސަލަތަކެއް ފާހަގަ ކުރެވިގެން" ކަމަށެވެ.
ހަފްސާ ވިދާޅުވީ އަންހެނުންގެ ޑޮކްޓަރު ހޮސްޕިޓަލްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނާ ދިމާކޮށް، ނޭދެވޭ އަމަލުތަކެއް އޭނަގެ ފަރާތުން ފެންނަ ކަމަށެވެ. އަދި ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުވުންތައް ހުރި ކަމަށް ހަފްސާ ވިދާޅުވިއެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ދިރިއުޅެމުން އަންނަ އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ނެތެވެ. އެހެންވި ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އައިއެމްޑީސީގައި މަސައްކަތް ކުރާ އަންހެނުންގެ ޑކްޓަރުގެ އެހީއަށް ހޮސްޕިޓަލުން ދަނީ އެދެމުންނެވެ.
ހަފްސާ ވިދާޅުވީ، އަންހެނުންގެ ޑޮކްޓަރެއް، އައިޖީއެމްއެޗުން ވަގުތީ ގޮތުން ގެނައުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.